އޮންލައިންކޮށް ކުރާ ވިޔަފާރިތައްވެސް ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފިއެވެ.
މީގެ ކުރިން ރަޖިސްޓަރީ ކުރަންޖެހޭނީ އިމާރާތެއްގެ ތެރޭގައި ވިޔަފާރީގެ ކަންކަން ކުރިއަށްގެންދާ ނަމައެވެ. އެހެންނަމަވެސް މިބިލު ތަސްދީގުކުރުމާއެކު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮންލައިން ވިޔަފާރިތައްވެސް ހިންގޭނީ ރަޖިސްޓަރީ ކޮށްގެންނެވެ.
މީގެ އިތުރަށް ބައެއް އެހެނިހެން އިސްލާހުތައްވެސް މިގާނޫނަށް ވަނީ ގެނެސްފައެވެ.
އެގޮތުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ރަޖިސްޓަރީކޮށްގެން ނޫންގޮތަކަށް ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށްވެސް އިސްލާހުގައި ވެއެވެ.
މީގެ އިތުރަށް ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލައި، ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި އެކަމަށް ޚާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިދޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.
އަދި ވިޔަފާރިތަކަށް ނަން ދެވޭނެ ގޮތްތަކާއި ނުދެވޭނެ ގޮތްތައް ކަނޑައެޅައި އެ އުސޫލުތައް ވެސް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.