އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލް ފާސްކުރަން ފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެންބަރުންނެވެ.

އިންކަމް ޓެކްސްގެ ބިލު ފާސްކުރިއިރު މި ބިލަށް އަލަށް ހުށަހެޅުނު 26 އިސްލާހަކަށްވެސް ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ. މި ހުރިހާ އިސްލާހެއް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އިންކަމް ޓެކްސްގެ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރިއިރު ޓެކްސް ނަގާނެ ބްރެކެޓުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބިލު މަޖިލީހަށް ހުށަހެޅިއިރު އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ ބްރެކެޓު މިހާރު ވަނީ 60،000 ރުފިޔާއިން މައްޗަށް ބަދަލުކޮށްފަ އެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.