2021 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް އިވެންޓުތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރުގެ ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ހާމަކުރެއްވީ އިއްޔެ ކުރި ޓްވީޓެއްގައެވެ. އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އެ ގޭމްސްގެ ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އިވެންޓުތައް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

2021 ވަނަ އަހަރުގެ ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ފަށާފައިވާއިރު، އެ ގޭމްސް ބާއްވަން ކުރިމަތިލާފައިވަނީ ސްރީލަންކާ އިންނެވެ. ދެ ގައުމު ގުޅިގެން މީގެ ކުރިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވަނީ ބާއްވާފައެވެ.

ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވޭތޯ ބަލަމުން އަންނައިރު، ރާއްޖޭން ވަނީ 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބިޑު ކާމިޔާބުކޮށްފަ އެވެ.

މި ސަރުކާރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު، މިއަހަރުގެ ތެރޭގައި ވަނީ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކާއި ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވާފައެވެ. އަދި އަންނަ އަހަރުއޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕާއި އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.