ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓުގައި ދުނިޔޭގެ ކްރިކެޓުގެ ގަދަބާރު ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމާއި ދެކޮޅަށް ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ރަނގަޅު ވާދައެއްކޮށްފިއެވެ.

ކަތަމަންޑޫގެ ޓީޔޫ ކްރިކެޓް ގްރައުންޑުގައި ކުޅުނު މި މެޗުން ރާއްޖެ ފަސޭހަކަމާއެކު ބަލިވި ނަމަވެސްް މި މެޗުގެ ފުރަތަމަ އިނިންގްސްގައި ހޮވަން އަރާ ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ޓޮސް ދިމާވެގެން ބަންގްލަދޭޝް ގަސްތުކުރީ ކުޅެން އެރުމަށެވެ. އެ ޓީމު ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 174 ލަނޑެވެ. މި އިނިންގްސްގައި ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 49 ލަނޑު ހެދި ނަޖްމުލް ހުސެއިން އާއި 46 ލަނޑު ހެދި ކެޕްޓަން ސޮމްޔާ ސަރްކާރް އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ހުސެއިން ވަހީދު/ އެމްއޯސީ

މި ދެ ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ކްރިކެޓުގައި ވެސް ފާހަގަކޮށްލެވޭ ބަންގްލަދޭޝްގެ ސީނިއާ ޓީމަށްވެސް ކުޅެމުން އަންނަ ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އުމުރުން 21 އަހަރުގެ ނަޖްމުލް އަކީ މިހާރު ބަންގާޅުގައި ތިބި ޒުވާން ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އަދި 26 އަހަރުގެ ސޮމްޔާ އަކީ ސީނިއާ ޓީމުގައި މިވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި ކުޅުންތެެރިޔާއެވެ. އަދި ބަންގްލަދޭޝްގައި ވެސް ވަރަށް މަގުބޫލު ކުޅުންތެރިއެކެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެން އަރާ 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 65 ލަނޑެވެ. ރާއްޖެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ލަނޑު ހެދި އަލީ އީވާން އާއި 10 ލަނޑު ހެދި އަހުމަދު ހަސަނެވެ.

މެޗަށް ނިކުތުމުގެ ކުރިން ބަންގާޅު ޓީމުން އަމާޒުހިފާފައިވަނީ ރާއްޖެކޮޅަށް 200 އަށްވުރެ ގިނަ ލަނޑު ހެދުމަށެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް ދިވެހި ކުޅުންތެރިން ވަނީ ހޮވަން އަރާ މޮޅު ކުޅުމެއް ދައްކާފައެވެ. ބަންގާޅުން ކުޅެން އަރާ ހޯދި މި ނަތީޖާއަކީ ކްރިކެޓުގެ ވަރުގަދަ ގައުމުތައް ކަމަށްވާ އިންޑިއާ ،ސްރީލަންކާ ފަދަ ގައުމުތައް ވެސް އިނިންގްސްގައި އާންމުކޮށް ހޯދާ ވަރެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ހުސެއިން ވަހީދު/ އެމްއޯސީ

މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކެޕްޓަން މުހައްމަދު މަހުފޫޒު ބުނީ މި މެޗުގައި ޓީީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރި ކަމަށާއި ނަތީޖާއާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

ސައުތު އޭޝިއަން ގޭމްސްގެ ކްރިކެޓުގެ ފިރިހެން ބައި ކުރިޔަށްދަނީ ލީގު އުސޫލުންނެވެ. ކްރިކެޓުގެ ފިރިހެން ބައިގައި ވާދަކުރާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ނޭޕާލް އާއި ބޫޓާން އާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ހުސެއިން ވަހީދު/ އެމްއޯސީ

ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ މެންދުރު ފަހު ވާދަކުރާނީ ސްރީލަންކާގެ 23 އަހަރުންދަށުގެ ގައުމީ ޓީމާއެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މެންދުރު 12:15 ގައެވެ.