އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އިންޑިއާ ސަރުކާރުން އެހީތެރިވެވޭކަމީ އުފާކުރައްވާ ކަމެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި، ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑުއުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާއި އެހެން ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.