ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ވަރުގަދަ އިންޑިއާއާ ވާދަކޮށް ރާއްޖޭގެ އަންހެން ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ ވާދަކޮށް ބަލިވީ 9-41 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންޑިއާ އަތުން ބަލިވިނަމަވެސް އަދިވެސް ރާއްޖެއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާއަކީ ދުނިޔޭގެ ހޭންޑްބޯޅައިގައި ވެސް ވަރުގަދަ ޓީމެކެވެ.

މެޗު ރާއްޖެއިން ފެށީ މުހިއްމު ބައެއް ކުޅުންތެރިން ފުރަތަމަ ޓީމުގައި ނުހިމަނައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާިއން ވަނީ ރާއްޖެ ކޮޅަށް 22 ގޯލު ޖަހާފައެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް އެއްވެސް ގޯލެއް ޖެހިފައިނުވެއެވެ. ދެވަނަ ހާފު ފެށިގެން ރާއްޖެ ކުޅުން ރަނގަޅު ކުރި އެވެ. މި ހާފުގައި ރާއްޖެއިން 9 ގޯލު ޖެހިއިރު އިންޑިއާ އިން ވަނީ މި ހާފުގައި އިތުރު 19 ގޯލު ޖަހާފައެވެ.

އިންޑިއާ އާއި ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ޝަރުހާން/ އެމްއޯސީ

މމެޗުގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އައިޝަތު ރީމާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ގޯލަކީ ލިބުނު ޕެނަލްޓީތަކުން އޭނާ ޖެހި ތިން ގޯލެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީމުގެ އެސިސްޓެންޓް ކޯޗު ހަސަން ފަހީމް ބުނީ މިއީ އުންމީދު ކުރި ނަތީޖާ ނޫން ކަމަށާއި ފުރަތަމަ މެޗުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ ވެސް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަދި މި މެޗުގެ ތަޖުރިބާގެ އަލީގައި ދެން ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ރާއްޖެގަޑިން 11 ޖަހާއިރު ބައްދަލުކުރާނީ ޕާކިސްތާނާއެވެ.