ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުގައި ވަރުގަދަ އިންޑިއާގެ ޕެއާ އަތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަދި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ބަލިވެއްޖެއެވެ.

ކުއާޓާ ފައިނަލުގައި ދީމާ އަދި ރަފާ ޕެއާގެ މައްޗަށް އިންޑިއާގެ ސްރީޖާ އަދި މަދުރިކާގެ ޕެއާ ކުރި ހޯދީ 4 ސެޓު 2 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު މޮޅު ކުޅުމަކާއި އެކު ދީމާ އަދި ރަފާގެ ޕެއާއިން ކާމިޔާބުކުރީ 12-10 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު އިންޑިއާގެ ޕެއާއިން ވަނީ ކާމިޔާބުކޮށްފައެވެ. ސްރީޖާ އަދި މަދުރިކާގެ ޕެއާއިން މި ދެ ސެޓު ކާމިޔާބުކުރީ 4-11 އަދި 7-11 އިންނެވެ.

ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ދީމާ އާއި ރަފާ-- ފޮޓޯ: އަބީދު/ އެމްއޯސީ

މެޗުގެ ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ދީމާ އަދި ރަފާގެ ޕެއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދީމާ އަދި ރަފާގެ ޕެއާ މި ސެޓު ކާމިޔާބުކުރީ 11-9 އިންނެވެ. މެޗުގެ ފަހު ދެ ސެޓުގައި ދީމާ އަދި ރަފާގެ ޕެއާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އިންޑިއާގެ ސްރީޖާ އަދި މަދުރިކާގެ ޕެއާ އިން މި ސެޓު ކާމިޔާބުކުރީ، 6-11 އަދި 6-11 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު އަމިތް ކުމާރު ބުނީ ރާއްޖޭގެ ކުޅުންތެރިން ޓެކްނިކަލީ ވައިސް ކޮށް ވަރަށް ވަރުގަދަ ކަމަށާއި އިންޑިއާގެ އެންމެ ވަރުގަދަ ޕެއާ އާއި ދެކޮޅަށް ދީމާ އަދި ރަފާ ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.

އަންހެން ޓީމް އިވެންޓުން އަންގާރަ ދުވަހު ރާއްޖޭގެ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.