"ހުސްނުވާ" އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ އާސަންދައަށް މިއަހަރަށް ކަނޑައެޅި މިންވަރަށްވުރެ 84 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރު އާސަންދައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްބިލިއަން ރުފިޔާއެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި އާސަންދައިގެ ބަޖެޓު ހުސްވެފައިވާއިރު، ބޭރުގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ''މެރަނާ'' ސްކީމްގެ ހިދުމަތް މިދިޔަ އޮކްޓޯބަރު މަހު ސަރުކާރުން ވަނީ ތައާރަފު ކޮށްފައެވެ.

"މެރެނާ" ސްކީމުގެ ދަށުން އެގައުމުތަކުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ޖުމުލަ ކަވަރޭޖުގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ދޭނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އެ ސްކީމުގައި ހިމެނޭ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާ އެވެ.

މީގެ އިތުރުން ސަރުކާރުގެ ދަތުރުތަކަށް މިއަހަރު 142.1 މިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ނޮވެމްބަރު 28 ގެ ނިޔަލަށް ސަރުކާރުގެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 188.6 މިލިއަން ރުފިޔާ އެވެ.

އެހެންނަމަވެސް ބައެއް ހަރަދުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ މަދުން ހަރަދުކޮށްފައިވުމާއެކު، މިއަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާއެވެ.