ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ބައްދަލުކުރެއްވުމުން ފިތުނަވެރިކަން ނިމިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލަތީފް ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރާއި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށާއި ރާއްޖޭގެ ވޮލީބޯޅަ، ބައިނަލްއަގުވާމީ މައިދާނުގައި ސަސްޕެންޑް ވެގެންދާން ބޭނުންނުވާ ކަމަށެވެ.

ވޮލީ ސަލާމަތްކޮށް ފިތުނަވެރިންގެ ވަކިތަކުން ވޮލީބޯޅަ ނެރުމަށް ދެން މަސައްކަތް ކުރާނީ އެމްއޯސީ އާއި މިނިސްޓަރާއި ކޮމިޝަނާ އޮފް ސްޕޯޓްސް ގުޅިން ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

ވަރަށް ދުވަސްވެއްޖެ މި ފިތުނަވެރިކަމުގައި ވޮލީ އުޅޭތާ. އަމިއްލަ އެދުން ބޮޑު އަދި ފިތުނަވެރި ބަޔެއްގެ ސަބަބުން ވޮލީއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ. މިހާރު މިއީ ވޮލީ އަލުން ސަލާމަތްކޮށް ބާރު ސްޕީޑްގައި ކުރިޔަށްދާންވީ ވަގުތު. ފިތުނަވެރިން އެއްކައިރިކޮށް ވޮލީ ސަލާމަތް ކުރާނީ ގުޅިގެން ވޮލީގެ ހާލަތާއި ބެހޭ ގޮތުން
ލަތީފް

އެފްއައިވީބީގެ ބައްދަލުވުމެއް މިއަދު ކުރިޔަށްދާއިރު އެ ބައްދަލުވުމުގައި ރާއްޖޭގެ މައްސަލަ ވަނީ ހިމަނާފައެވެ. އެހެންކަމުން ރާއްޖެއާއި މެދު ކުރިޔަށްދާނެ ގޮތެއް މި ބައްދަލުވުމުގައި ނިންމާނެ ކަމަށް ބެލެވެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވޮލީބޯޅަ ސަލާމަތް ކުރުމަށް އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ބައްދަލުކުރި ކުރުމަށް ލަތީފް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެ ބައްދަލުވުމާއެކު ވޮލީގެ ކަންތައް ކުރިޔަށްދާންވީ މިސްރާބު ވަޒީރަށް ސާފުވެގެންދާނެ ކަމަށާއި ކަންބޮޑުވާނެ ކަމެއް އޮތްނަމަ ސީދާ ވަޒީރަށް އެކަން ސާފުގެން ގޮސްފައިވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުން ނުރަނގަޅު ނުފޫޒް ކުޅިވަރުގެ ތެރެއިން ފޯރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަށާއި ނުފޫޒުން ސަލާމަތްވެ، އެސޯސިއޭޝަންތައް ހިންގުމަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކިހާވަރަކަށް ބާރުއަޅާ ކަމެއްކަން ވަޒީރަށް ސާފުވެގެންދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ވަޒީރަކީ ވަރަށް ބޮޑަށް އެސޯސިއޭޝަންތަކާއި ގުޅިގެން ކުޅިވަރު ކުރިޔަށްގެންދިޔުމަށް ބޭނުންވާ ބޭފުޅެއް. ވަޒީރަކީ ސީދާ ކުޅިވަރުގެ ބޭފުޅެއް. ވަޒީރު މެދުވެރިކޮށް އެސޯސިއޭޝަންތަކަށް ނުފޫޒްފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަދި ވަޒީރަށް ވެސް މިހާރު ސާފުވެގެންދާނެ ބައިނަލް އަގުވާމީ މައިދާނުގައި މިކަން އޮންނަގޮތް
ލަތީފް

ވީއޭއެމްގެ ހިންގާ ކޮމިޓީން އޮތީ ސަރުކާއި ގުޅިގެން ވޮލީ ކުރިޔަށްގެންދިމުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި ވޮލީގެ އިސްލާހީ އެޖެންޑާ ތަންފީޒް ވެގެންދިޔުމުން ވޮލީބޯޅައިގެ ތެރެއަށް ފިތުނަވެރިކަން ވައްދަން މަސައްކަތް ކުރާ އެއްމެންނަށް އެ ދޮރު ބަންދުވެ، ސީދާ ވޮލީގެ މީހުންނަށް ވޮލީބޯޅައިގަ މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބާރު ކަޑުވާލާ، ވީއޭއެމްގެ ހިންގުމުގެ ބާރަށް ކޮމިޝަނާ އޮފް ސްޕޯޓްސް ވަދެފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ވީއޭއެމްގެ އެކްސްކޯގެ ބާރު ކެނޑި އެސޯސިއޭޝަން ހިންގަމުންދާތާ ހަމަސްވުމާއި ގާތައް ގޮސްފައިވާއިރު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވަނީ ދެ ކޮމީޓީއެއް މީގެކުރިން އުފައްދާފައެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމްގެ ހިންގާފައިވާއިރު އެފްއައިވީބީގެ އިންޒާރާއެކު ފަހުން ވަނީ އެކޮމިޓީ އުވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދަން މަސައްކަތް ކުރި އިންތިހާބުވެސް ފަސްކޮށްފައެވެ.

އެއަށްފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ސޮއިކޮށް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 31 އޮކްޓޯބަރު 2019 ވަނަ ދުވަހު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންޓަރިމް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިކޮމިޓީން 31 އޮކްޓޯބަރު 2019 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ހިންގާ ގަވާއިދު ފާސްކޮށް ހިންގާ ކޮމިޓީ އެކުލަވާލުމަށް ވަނީ އަންގާފައެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އެކުލަވާލި ތިން މެންބަރުގެ ކޮމިޓީގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު އާއި އެންމެ ފަހުން ގައުމީ ފިރެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދާއި ބީޗް ވޮލީބޯޅަ ކޮމިޝަނުގެ މެންބަރުކަމުން ދާދިފަހުން ވަކިކުރި އަބްދުﷲ ނަޝީދު އެވެ.

ކޮމިޝަނާ ބުނެފައިވާ މުއްދަތު ފަހަނައަޅާ ގޮސްފައިވާއިރު އަލަށް އުފެއްދި ކޮމިޓީން ވެސް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.