އެމެރިކާގެ ސެނޭޓް މެމްބަރ އަދި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ކަމަލާ ހެރިސް ރިޔާސީ ރޭހުން ވަކިވެވަޑައިގެންފިއެވެ.

އުމުރުފުޅުން 55 އަހަރުގެ ކަމަލާ ހެރިސް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމެރީން ވަކިވެވަޑައި ގެންނެވީ، ކެމްޕެއިން ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ފައިސާ ޖަމާ ނުކުރެވުމުން ކަމަށް، ސަޕޯޓަރުންނަށް ފޮނުއްވި އީމެއިލްއެއްގައ އޭނާ ވިދާޅުވެފައި ވެއެވެ.

އަންނަ އަހަރުގެ ނޮވެމްބަރުމަހު އެމެރިކާގައި ބައްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވިނަމަ ކަމަލާ ހެރިސް ވެވަޑައިގަންނަވާނީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަށެވެ. އަދި އޭނާ ވެވަޑައިގަތީހީ އެމެރިކާގެ އެފްރިކާ ނަސްލުގެ ދެވަނަ ރައީސަށެވެ.

ކެލިފޯނިއާ ސްޓޭޓްގެ އެޓަރނީ ޖެނެރަލްކަންވެސް ކުރިން ކުރައްވާފައިވާ ކަމަލާ ހެރިސް ވެވަޑައިގަންނަވާނީ "އަންހެން އޮބާމާއަށް" ކަމަށްވެސް ބައެއް މީހުން ބުނަމުންދިޔައެވެ. ޑިމޮކްރަޓިކް ޕްރައިމެރީއާއި ރިޔާސީ އިންތިޚާބުގައިވެސް އޭނާ ރަނގަޅު ފައިޓެއް ދެއްވާނެ ކަމަށް ގިނަމީހުން ހީކުރިއެވެ.

އެހެންނަމަވެސް، ސައުތު ކެރޮލައިނާއާއި، ނެވާޑާ އަދި ކަމަލާ ހެރިސްގެ އުފަން ސްޓޭޓް ކެލިފޯނިއާގައި ނެގި ވޯޓްތަކުންވެސް އެފްރިކާ ނަސްލުގެ މީހުންގެ މާބޮޑު ތާއީދެއް އޭނާއަށް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކެމްޕެއިނަށް ފައިސާ އެއްކުމަށް ކުރެވުނު މަސައްކަތަށް އެކަށީގެންވާ ތާއީދު ނުލިބުމާއި، ކުރިން ނެގުނު ވޯޓްތަކުން ތާއީދުނެތްކަން ހާމަވެގެން ދިއުމުގައި، އެމެރިކާގެ ސިއްހީ ފަރުވާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ކަމުނުދިއުމާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގޮތުގައި ހުންނެވި ދުވަސްވަރު ކަން ކުރައްވާފައިވާ ގޮތްތައް ބޮޑު ދައުރެއް އަދާކުރި ކަމަށް މީޑިއާއިން ބުނެއެވެ.

ކަމަލާ ހެރިސް ރިޔާސީ ރޭހުން ވަކިވެވަޑައި ގެންނެވި ނަމަވެސް، ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރެއްވުމަށް އަދިވެސް ގިނަ ކެންޑިޑޭޓުން ރޭހުގައި އެބަ ތިއްބެވިއެވެ.