ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅުނު މެޗުގައި ކެންދޫ ބަލިކޮށް ގްރޫޕް ބީގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ޖެހިލައިފި އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އޭދަފުއްޓާއި ދޮންފަނާއި ދަރަވަންދޫ އަދި ކެންދޫ އެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ކިހާދުއާއި ގޮއިދޫ އަދި މާޅޮހެއެވެ.

ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން ދޮންފަނު އަތުން އޭދަފުށި އެއްވަރުވިއިރު، ކެންދޫ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މިއަދު ހަވީރު ކުޅުނު މެޗުން ކެންދޫ އަތުން އޭދަފުށި މޮޅުވީ 4-0 އިންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އޭދަފުށިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ގޯލް ޖެހީ މިމްރާހު އަބްދުލް އަޒީޒް އެވެ. މެޗުގެ 30 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލީ ނަސީމް އޭދަފުއްޓަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލީ ނަސީމް ވަނީ އޭދަފުށީގެ ތިންވަނަ ގޯލް ޖަހާފައެވެ. މި މެޗުގައި އޭދަފުށިން ކާމިޔާބުކުރި ހަތަރުވަނަ ގޯލް 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ހައްމާދެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ އުނައިޝް ޒުބައިރެވެ.

މި މޮޅާއެކު އޭދަފުށި ގްރޫޕް ބީގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކެންދުއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދޮންފަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ދަރަވަންދުއަށް ޕޮއިންޓެއް ނުލިބެއެވެ.

މުބާރާތުގައި މާދަމާވެސް ކުޅޭނީ ގްރޫޕް ބީގެ މެޗެެކެވެ. މި މެޗުގައި ބައްދަލުކުރާނީ ދޮންފަނާއި ދަރަވަންދޫ އެވެ.