ދަތުރުވެރިންގެ މާރުކޭޓް ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ކަމުގައިވިޔަސް ގޮޅިތައް ދޫކުރެވޭނެ ވަކި ތާރީޚެއް އަދިވެސް ކަށަވަރު ނުވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ ދަތުރުވެރިންގެ މާރުކެޓް ތަރައްގީ ކުރުމަށް ކަމަށް ބުނެ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހު ވަނީ އެ މާރުކެޓް ބަންދުކޮށްފައެވެ. އަދި ވަގުތީގޮތުން މާރުކޭޓް ވެސްޓްޕާކަށް ބަދަލުކުރިއެވެ.

ވެސްޓްޕާކުގައި ހެދި ވަގުތީ މާރުކޭޓްވެސް ނޮވެންބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް ނިންމައި އެތަނުގައި ވިޔަފާރި ކުރަމުންދިޔަ ވިޔަފާރިވެރިންނަށް ތަން ހުސްކުރުމަށް 7 ދުވަހުގެ މުހުލަތެއްދީ 31 އޮކްޓޫބަރުގައި ވަނީ ނޯޓިސް ފޮނުވާފައެވެ.

ދެން ފެނިގެންދިޔައީ މާރުކޭޓްގައި ވިޔަފާރި ކުރަމުންދިޔަ ވިޔަފާރިވެރިން މަގުމަތިވެގެން ދިޔަ މަންޒަރެވެ.

ލާމަރުކަޒީ ކޮމެޓީން ހާމަވީ ސިޓީ ކައުންސިލްގެ ތެރޭގައި އޮތް ކޯޅުން:

ވަންނާނެ ތަނެއްނެތި މަގުމަތީގައި ތިބެންޖެހުމުން އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ބޭނުންވަނީ ރައްޔިތުންނަށް އަބަދުވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.

އެހެންނަމަވެސް ގޮޅިތަކުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ މެންބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ހާޒިރު ކުރުމުން ހާމަވެގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ ތެރޭގައި މާރުކެޓް މައްސަލައިގައި ހިޔާލު ތަފާތުވުވެފައިވާ މަންޒަރެވެ.

އެގޮތުން ލާމަރުކަޒީ ކޮމެޓީގައި ސިޓީ ކައުންސިލްގެ މެންބަރުން ތަކުރާރުކޮށް ބުނެފައިވަނީ މާރުކޭޓް ކޮމެޓީއަށް ހަވާލުކުރި 2 މަސައްކަތް އެ ކޮމެޓީއިން ނިންމާފައި ވާކަަމަށެވެ.

އެގޮތުން ދަނޑުވެރިންނަށް ޚާއްސަ 11 ގޮޅި އާއިއެކު ޖުމްލަ 117 ގޮޅި ހިމެނޭ ގޮތަށް ކުރެހުން ތައްޔާރުކޮށް ކައުންސިލްގެ ޖަލްސާއަށް ހުށައަޅައި ފާސް ކޮށްފައި ވާކަމަށެވެ. އަދި ފާސްވިގޮތާއި ކުރެހުންވެސް މޭޔަރަށް އަރުވާފައިވާނެ ކަމަށާއި، ނަމަވެސް މޭޔަރު ޕްލޭނިންގ މިނިސްޓްރީގެ ލަފަޔަކަށް އެދި ސިޓީ ފޮނުވުމުން 177 ގޮޅިން 190 ގޮޅިއަށް ބަދަލު ކުރުމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ދެކުރެހުމުގެ ތެރެއިން ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައިވަނީ 117 ގޮޅީގެ ކުރެހުން ކަމަށާއި، އިދާރީގޮތުން މޭޔަރު ސޮއިކުރައްވާ ބަޖެޓް ކޮމެޓީއަށް ކުރެހުން ހުށައަޅައި ގެޒެޓް ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މޭޔަރު އެކަންކުރައްވާފައި ނުވާތީ ގޮޅިތައް ދިނުމަށް ލަސްވެގެންދަނީ ކަމަށެވެ.

ވީހާވެސް އަވަހަކަށް މިހާރު ފާސްކޮށްފައިވާ 117 ގޮޅިއަށް މާރުކޭޓް ނިންމާ އަވަހަށް ހުޅުވުމަށް ނިންމާފައިވާ ނިންމުންތައް ތަންފީޒް ކޮށްދެއްވުމަށް ލާމާރުކަޒީ ކޮމެޓީގެ މެންބަރުން މާލެ ސިޓީގެ މޭޔަރުގެ ކިބައިންވަނީ އެދިފައެވެ.

ގޮޅިތަކަށް ހުޅުވާލިޔަސް ވަދެވޭނެ ދުވަހެއް ނޭނގެ:

ދެން މިހާހިސާބުން ފެނިގެންދިޔައީ މިމަހުގެ އެކަކުން ފެށިގެން ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ތަނެވެ. އެގޮތުން ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 އަށް ހަމަވާއިރު، މިއަދާ ހަމައަށް ދެހާހަށް ވުރެ ގިނަ ފޯމް ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންނަމަވެސް ގޮޅިތައް ދޫކުރާނެ ދުވަހެއް ސިޓީ ކައުންސިލަށް ކަށަވަރުކޮށްދެވިފަ ނުވާކަމަށް ބުނެ މަގުމަތިވެފައިވާ ވިޔަފާރިވެރިންގެ ކަންބޮޑުވުން ދަނީ ފާލުކުރަމުންނެވެ. ވިޔަފާރިވެރިން ބުނީ 15 ދުވަހުން ނިންމާ ގޮޅިތައް އަލުން ދޭނެ ކަމަށް ބުނެ 3 މަސްވީ ކަމަށެވެ. އަދި މާރުކޭޓް ދޫކުރެވޭ މިންވަރަށް މަސައްކަތް ކޮށްފައިވާ މަންޒަރު އެތަނުން ނުފެންނަ ކަމަށެވެ. މާރުކޭޓުގެ ގޮޅިތައް ނުހެދޭ ކަމަށާ، ކަރަންޓްވެސް އަދި އެތަނުގައި ނެތްކަމަށް އެމީހުން ބުންޏެވެ.

ހުޅުވޭނެ ތާރީހެއް ނޭނގޭއިރު ގޮޅިތަކުގެ އަދަދާ މެދުވެސް ގޮތެއް ނުނިންމޭ:

މިއަދު މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް މާލެ ސިޓީގެ މެންބަރުން ހާޒިރުކޮށް ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ހުޅުވޭނެ ވަކި ތާރީޚެއްގެ ޔަގީންކަން ދޭން ނޭނގޭ ކަމަށާ، އަދި ގޮޅިތަކުގެ އަދަދާއި އަދި ސައިޒާ މެދުގައިވެސް މާލެ ސިޓީން އެއްބަސް ވުމަކަށް އާދެވިފައި ނުވާކަން މެންބަރުން ބުންޏެވެ.

މާލެސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ގޮޅިތަކުގެ މައްސަލައިގައި މެންބަރުންގެމެދުގައި ގޮތެއް ނުނިމި، ދެވަނަ ވިސްނުމަކަށް ދާންޖެހިފައިވާ ކަމަށެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓް އިތުރު ފަންގިފިލާއެއް އިތުރު ކުރުމުގެ ވިސްނުމެއްވެސް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މާލެ ސިޓީގެ މާރުކެޓް ކޮމެޓީގެ މެންބަރުން ވިދާޅުވަމުން ދިޔައީ މިވަގުތައް އެންމެ ރަގަޅު ގޮތަކީ މާރުކޭޓް ކޮމެޓީއިން ފާސްކޮށްފައިވާގޮތަށް ނިންމުމަށްފަހު ވީހާސް އަވަހަކަށް ގޮޅިތައް ހަވާލުކުރުން ކަމަށެވެ.

ރައްޔިތުންނާ ގުޅުން ހުރި މިފަދަ މައްސަލައަކަށް ހައްލެއް ނުލިބި ހިނގާ ކޮންމެ ދުވަހަކީ، ރާއްޖޭގެ އެތަކެއް ވިޔަފާރިވެރިންނަށް، އަދި އެ ވިޔަފާރިވެރިންގެ އާއިލާތަކަށް އޭގެ ގެއްލުން ލިބިގެންދާނެ ދުވަހެއްކަން ކަށަވަރެވެ. އެހެންކަމުން އެމީހުން ދިރިއުޅުމަށް ބަރޯސާވެފައިވާ މަސައްކަތް ކުރެވޭނެ ހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ އެމީހުންގެ ވަރަށްބޮޑު އާދޭހަކަށް ވެފައިވާއިރު، މާލެ ސިޓީ ކައުންސިލުން މިކަމުގައި ބުރަކި ޖެހިގެން މިއުޅެނީ ކީއްވެގެންބާއޭ އަދި އޮތީ ކޮން މަޖުބޫރެއްބާއޭ މިއީ ހަމަ ކޮންމެ ވިޔަފާރިވެރިއެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ.