ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ހިތި މަގުގައި ޒަހަމްތަކާކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 9:07 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައިވާ ކަމަށް 9:50 ގައި ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބަޔަކު ހަމަލާދީ، މަރާލާފފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެނާއަކީ ޓެކްސީ ޑްރައިވަރެއް ކަމަށެވެ.

އޭނާއަށް ހަމަލާދިނީ ގުރޫޕް ހަދާފައި އައި ބައެއް ކަމަށާއި، ޢޭނާގެ ގެނައިއިރު އޭނާގެ ކަރުގައާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެސް ބުނެއެވެ.

އެމީހާ މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ފޮޓޯތަކުން ފެންނަގޮތުގައި އޭނާގެ ކަރާ ދިމާއިން މަގުމައްޗަށް ބައިވެރު ލޭ ފައިބާފައި ހުއްޓެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ ސީރިއަސް ކްރައިމްސް ޑިޕާޓްމަންޓާއި، ފޮރެންސިކް ފުލުހުން ގުޅިގެން މިހާރު ގެންދަނީ ހުޅުމާލެއަށާއި، ހުޅުލެއަށް އަރާފައިބާ ވެހިކަލްތަކާއި މީހުން ބަލައިފާސްކޮށް މި ހަމަލާދިން ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.