އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި އެވަޓަން 5-2 އިން ބަލިކޮށް ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ލީޑު ދެމަހައްޓައިފި އެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ ރޭ ވަޓްފޯޑް އަތުން 2-0 އިން މޮޅުވި ލެސްޓާ ސިޓީ އެވެ. މެންޗެސްޓާ ސިޓީ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހަ ގޯލް ވަނީ ފެނިގެންގޮސްފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ސަޑިއޯ މާނޭ ދިން ޕާހަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިވޮކް އޮރީގީ އެވެ. އަދި 17 ވަނަ މިނެޓުގައި މާނޭގެ އެހީއާއެކު ޒެރްޑަން ޝަގީރީ ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން މައިކަލް ކީން ވަނީ އެވަޓަންއަށް ފަރަގު ކުޑަކޮށްދީފައެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ 31 ވަނަ މިނެޓުގައި އޮރީގީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި 45 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލް ޖަހާފައެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރިޗާލިސަން ވަނީ އެވަޓަންގެ ދެވަަނަ ގޯލް ޖަހާފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ ފަހު މިނެޓުގައި ލިވަޕޫލަށް ޖަހައިދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ.

ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން ---

ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މިހާރު ކޯޗުކޮށްދޭ ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް 2-1 އިން ވަނީ ކުރި ހޯދާފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެލޭ އަލީގެ ގޯލުން ޓޮޓެންހަމުން ނަތީޖާ އެއްވަރުކުރިއެވެ.

މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރަޝްފޯޑް ކާމިޔާބުކޮށްދިން ގޯލުންނެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ 21 ޕޮއިންޓު ހަމަކޮށް ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. ޓޮޓެންހަމް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. މިއީ މޮރީނިއޯ ހަވާލުވި ފަހުން ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެފަ އެވެ.