ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި އެންމެ ދަށް ޓީމުގެ ގޮތުގައި އޮތް ބޫޓާން އަތުން ރާއްޖޭގެ ފުޓުބޯޅަ ޓީމު ބަލިވެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ނޭޕާލްގެ ދަސަރަތް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބޫޓާން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބޫޓާން ޓީމު ފެނުނީ ޓީމެއްގެ ގޮތުގައި ވަރުގަދަކޮށެވެ. އަނެއްކޮޅުން ރާއްޖެ ޓީމުން ބޮޑަށް ފެނުނީ ވަކިވަކި ކުޅުންތެރިންގެ ކުޅުމެވެ.

ގޭމްސްގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ސްރީލަންކާއާއި ވާދަކޮށް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހ އެއްވަރުވެގެން ނިމުނުއިރު ބަންގްލަދޭޝް އާއި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ކުރީ ދެ މެޗުގައިވެސް ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކަށް ވީ ނިންމާލުމެވެ. ބޫޓާނާއި ދެކޮޅަށް ކުުޅުނު މެޗުގައިވެސް ރާއްޖެއިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނެވެ. ނަމަވެސް މައްސަލައަކަށް ފެނިގެންދިޔައީ ނިންމާލުމެވެ.

މެޗުގައި ބޫޓާނުން ލީޑުނަގާފައިވަނީ 54 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ކެޕްޓަން އޭރިއާ ތެރެއިން ފޮނުވާލި ޝޮޓް އަކްރަމް ބްލޮކްކޮށް ކޯނަރަކަށް ބޭރުކޮށްލުމުން ލިބުނު ކޯނަރުން ހުރަސްކޮށްލި ބޯޅަ ޗިމީ ޑޯޖީ ބޮލުން ގޯލަށް ވައްދާލީ އެވެ. އެ ޓީމުން ދެ ވަނަ ގޯލް ޖެހީ 83 ވަނަ މިނެޓުގައި ފުބް ތިންލޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) 90 ވަނަ މިނެޓުގައި ގޯލެއް ޖަހައި ރާއްޖެ އަށް އުއްމީދު އާކޮށްދިނެވެ. އިތުރު ވަގުތުގެ ގޮތުގައި ދިން ހަތަރު މިނެޓުގެ ތެރޭގައި އަކްރަމަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ލީގު އުސޫލުން ކުޅޭ ފިރިހެން ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ނޭޕާލާއެވެ.