ސައުތު އޭޝިއަން ގޭމްސްގެ އަންހެން 400 މީޓަރުގެ ފައިނަލް ބުރަށް ދަތުރުކޮށް ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ ހިމްނާ ހަސަން ރަނގަޅު ވާދައެއްކޮށްފިއެވެ.

ހިމްނާ ފައިނަލަށް ދަތުރުކުރީ ވާދަކުރި ދެވަނަ ހީޓުން ހަތަރު ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓް 1.3 ސިކުންތުންނެވެ. ފައިނަލުގެ ޖާގަ އޭނާ ކަށަވަރުކުރީ ނޭޕާލްގެ އަރުނާ ރިޖާލްއަށް ވުރެ އަވަހަށް ރޭސް ނިންމުމުންނެވެ.

ހިމްނާ ވާދަކުރި ހީޓުން އެއްވަނަ ހޯދީ 55.82 ސިކުންތުން ރޭސް ނިންމި ލަންކާގެ ދިލްޝާ މަހީޝާ އެވެ. ދެވަނަ ހޯދި އިންޑިއާގެ ވިޖުޔާ ކުމާރީ ރޭސް ނިންމީ 57.23 ސިކުންތުންނެވެ. ތިންވަނަ ހޯދީ ބަންގުލަދޭޝްގެ ސުމީ އަހްތަރު އެވެ. އޭނާ ރޭސް ނިންމީ 59.76 ސިކުންތުންނެވެ.

ހީޓަށް ފަހު ގަޑިއެއްހާއިރު ތެރޭ ބޭއްވި ފައިނަލުގައި އެއްވަނަ ހޯދައި ރަން މެޑަލް ހާސިލުކުރީ، ހީޓް ބުރުގައި ހިމްނާއާއެކު ދުވެ އެއްވަނަ ހޯދި ލަންކާގެ ދިލްޝާ މަހީޝާ އެވެ. އޭނާ ރޭސް ނިންމީ 53.40 ތިން ސިކުންތުންނެވެ. ދެވަނަ ހޯދީ 54.31 ން ރޭސް ނިންމި އިންޑިއާގެ ޕްރިޔާ ހައްބަތާން އެވެ. ތިންވަނަ ހޯދީ ޕާކިސްތާންގެ ސާހިބް އަޝްރާ އެވެ. އޭނާ ރޭސް ނިންމީ 54.58 ސިކުންތުންނެވެ

އިއްޔެ އަންހެން 200 މީޓަރުގެ ހީޓްގައި ހިމްނާ ވާދަކުރި އެވެ. އެ އެކެޓަގަރީން އޭނާއަށް ކުރިމަތިވީ ނާކާމިޔާބެވެ.