ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓުގެ 200 މީޓަރު ފްރީ ސްޓައިލުން ރާއްޖޭގެ ފެތުންތެރިޔާ މުބާލް ގައުމީ ރެކޯޑް އާކޮށްފިއެވެ.

މުބާލް އޭނާގެ އަމިއްލަ ރެކޯޑް އާ ކުރީ 2.05.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ކުރިން ހަދާއިފައިވާ ރެކޯޑް ނިންމައިފައިވަނީ 02.09.57 ސިކުންތެވެ.

ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ސްވިމިންގ 200 މީޓަރު ފްރީސްޓައިލްގައި ރާއްޖޭގެ މުހައްމަދު އާން ވެސް ފަތާފައިވެއެވެ. އޭނާ ރޭސް ނިންމީ 2:22.84 ސިކުންތުންނެވެ.

ފެތުމުގެ އިވެންޓުގައި މުބާލް ވާދަކުރަނީ-- ފޮޓޯ: އަބީދު/ އެމްއޯސީ

ނޭޕާލުގެ ސްވިމިންގ ޕޫލުގައި ބުރާސްފަތި ދުވަހު އޮތް ސްވިމިންގ އިވެންޓުގެ ބްރެސްޓް ސްޓްރޯކްގައި ރާއްޖޭގެ ތަޖުރިބާކާރު ފެތުންތެރިޔާ ހުސެއިން އަޝްރަފް ބައިވެރިވެފައިވާއިރު އޭނާ ފެތި ހީޓު، އޭނާ ނިންމީ 2:53.60 ސިކުންތުންނެވެ. މި ކެޓަގަރީގެ އަންހެން އިވެންޓުގައި ރާއްޖޭގެ އައިޝަތު ސާޖިނާ ބައިވެރިވެފައިވާއިރު އޭނާ ރޭސް ނިންމީ 3:08.91 ސިކުންތުންނެވެ.

އަންހެން 100 މީޓަރު ބަޓަފްލައިގައި ރާއްޖޭގެ އައިޝަތު އުލްޔާ ޝާއިގް ބައިވެރިވެފައިވާއިރު އޭނާ ރޭސް ނިންމީ 1:28.98 ސިކުންތުންނެވެ.

ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުބާލް 200 މީޓަރު ރެކޯޑް އާ ކޮށްފައިވާއިރު، އޭނާ އަންނަނީ ސްވިމިންގ އިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.