ނޭޕާލްގެ ޕޮކަހާރާގައި ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ހޭންޑްބޯޅައިގައި ކުޅުނު ދެވަނަ މެޗުން ބަލިވެ އަންހެން ހޭންޑްބޯޅަ ޓީމަށް ގޭމްސް ނިމިއްޖެއެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގައި ހިމެނެނީ ސަރަހައްދުގެ ވަރުގަދަ ބާރު އިންޑިއާއާއި ޕާކިސްތާންއެވެ. ރާއްޖެވަނީ ގުރޫޕްގެ ފުރަތަމަ މެޗްގައި އިއްޔެ އިންޑިއާ އާ ވާދަކޮށް ބަލިވެފައެވެ. މިގުރޫޕްގެ ފަހު މެޗްގައި މިއަދު ޕާކިސްތާނާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 32 ލަނޑު 27 ލަނޑުންނެވެ.

މި މެޗުން މޮޅުވެގެން އަންހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕާކިސްތާނު ޓީމްގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައެވެ.

ހޭންޑްބޯޅައިގައި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޝަރުހާން/ އެމްއޯސީ

މެޗްގެ ފުރަތަމަ ހާފްގައި ޕާކިސްތާނުންވަނީ 16 ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފުގައި ރާއްޖެއަށް ޖެހުނީ 12 ލަނޑެވެ. މެޗްގައި ރާއްޖެއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ޕާކިސްތާނުގެ ޑިފެންޑަރުންނެވެ. 4 ލަނޑުގެ ތަފާތުން ދިވެހިރާއްޖެ ފުރަތަމަ ހާފުގައި ބަލިވިނަމަވެސް ދެވަނަ ހާފުގައި ރާއްޖޭންވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

ނަމަވެސް ޕާކިސްތާންގެ ހަށިގަނޑުން ވަރުގަދަ ކުޅުންތެރިންވަނީ ރާއްޖޭގެ ގިނަ ކުޅުންތެރިން ހިފަހައްޓާފައެވެ. މެޗްގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެފައެވެ.

ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ގޭމްސްގައި ވާދަކޮށްފައިވަނީ ތަމްރީނުތަކެއް ފުރިހަމަކުރުމަށްފަހުގައެވެ.