ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގައި ދުނިޔޭގެ ކްރިކެޓުގެ ގަދަބާރު ސްރީލަންކާގެ 23 އަހަރުންދަށުގެ ޤައުމީ ޓީމާއި ރަނގަޅު ވާދައެއްކޮށްފިއެވެ.

ނޭޕާލްގެ ޓީޔޫ ކްރިކެޓް ގްރައުންޑުގައި ކުޅުނު މި މެޗު ސްރީލަންކާ ކާމިޔާބުކޮށްފައިވަނީ 98 ލަނޑުންނެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ ޓީމު ގަސްތުކުރީ ހޮވަން އެރުމަށެވެ. މި އިނިންގްސްގައި ސްރީލަންކާ ވަނީ ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ލަންކާ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ ސެންޗަރީ އެއް ނުވަތަ ނުބައިނުވެ 100 ލަނޑު ފުރިހަމަކުރި މެންޑިސް އެވެ. އޭނާ ވަނީ ނުބައިނުވެ ލަންކާ ޓީމަށް 102 ލަނޑު ހަދާފައެވެ.

މީގެއިތުރުން މި އިނިންގްސްގައި ލަންކާ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި ބަންޑާރާ އާއި އަޝާން އެވެ. މި ކުޅުންތެރިންނަކީ ލަންކާގައި މިހާރު އަރަމުން އަންނަ އެންމެ ހުނަރުވެރި ކުޅުންތެރިންނެވެ.

ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

ރާއްޖޭގެ މި އިނިންގްސްގައި އަޒްޔާން ވަނީ މޮޅު ބޯޅަތަކެއް އުކާފައެވެ. އެގޮތުން އޭނާއަށް ލިބުނު ބޯޅަތަކުގެ ތެރެއިން ގިނަ ބޯޅަތަކަކީ ނުރައްކާތެރި ބޯޅަތަކެކެވެ. ނަތީޖާއެއްގެ ގޮތުން އިޒްޔާން ގެ އޯވަރުތަކުގައި ލަންކާ ކުޅުންތެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 12 ލަނޑު ހެދި މުހައްމަދު އައްޒާމް އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގާޅާއި ވާދަކޮށް ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާއެވެ. މި މެޗު ކުޅޭނީ ހުކުރުދުވަހު ރާއްޖެގަޑިން 12:15 ގައެވެ.