ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްގެ ކުއާޓާފައިނަލުގައި ވާދަކޮށް ރާއްޖޭގެ ދީމާ އަދި ރަފާ ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ނޭޕާލުގެ ނެޝެނަލް ޓޭބަލް ޓެނިސް ހޯލުގައި ކުޅުނު ކުއާޓާ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވާދަކުރީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާގެ އަހީކާ މުކަރުޖީ އާއެވެ. މި މެޗު އަހީކާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ. މެޗުގެ ސެޓުތައް އަހީކާ ގެންދިޔައީ 6-11، 3-11، 6-11 އަދި 3-11 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު އަދި ތިންވަނަ ސެޓުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ދީމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ އާއި ދެކޮޅަށް ނިކުތް އަހީކާ އަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތް ތަކުގައި ވާދަކުރާ ކުޅުންތެރިއެކެވެ. ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ދެކޮޅަށް ކުއާޓާ ފައިނަލުގައި ނުކުތީ ލަންކާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އިޝާރާ މަދުރަންގީ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އިޝާރާ ކާމިޔާބުކުރީ 4 ސެޓު 3 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ރަފާގެ މައްޗަށް އިޝާރާ ކުރި ހޯދީ 14-16 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ރަފާ ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް 12-10 އިން ސެޓު ކާމިޔާބު ކޮށްފައެވެ. މެޗުގެ ތިން ވަނަ ސެޓުގައި ރަފާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އިޝާރާ ކާމިޔާބުކުރީ 4-11 އިންނެވެ.

ނަމަވެސް ޖެހިގެން އައި ސެޓު ރަފާ ވަނީ 14-12 އިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ފަސްވަނަ ސެޓު އިޝާރާ ފަސޭހަ ކަމާއި އެކު 4-11 އިން ކާމިޔާބުކުރި އިރު، ރަފާ ވަނީ މެޗުގެ ހަވަނަ ސެޓު 11-8 އިން ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ފަހު ސެޓު އިޝާރާ ކާމިޔާބުކުރީ 8-11 އިންނެވެ. އަ

ންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދި އިންޑިއާ އަދި ރިހި މެޑަލް ހޯދި ލަންކާ ކުޅުންތެރިންނާއި ދެކޮޅަށް ދީމާ އަދި ރަފާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. މިއާއެކު ރާއްޖޭގެ ޓޭބަލްޓެނިސް ޓީމަށް ވަނީ މުބާރާތް ނިމިފައެވެ.