ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ބާސްކެޓުބޯޅަ އިވެންޓުގައި ރާއްޖޭގެ މައްޗަށް ބަންގާޅުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ މައްޗަށް ބަންގާޅު ކުރިހޯދީ 78 ޕޮއިންޓް 67 ޕޮއިންޓުންނެވެ. މި މެޗުގައި ފަހު ކުއާޓަރ ފިޔަވާ އެހެން ހުރިހާ ކުއާޓަރ އެއްގައި ދިވެހި ޓީމުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތައުރީފު ހައްގު ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ރާއްޖެ އޮތީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ 19 ޕޮއިންޓް 9 ޕޮއިންޓުންނެވެ. ފުރަތަމަ ކުއާޓަރ އާއި ހިލާފަށް މެޗުގެ ދެވަނަ ކުއާޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ބަނގްލަދޭޝް ޓީމުން ދެވަނަ ކުއާޓަރގައި ރާއްޖެއާއި އެއްވަރެއްގައި ޕޮއިންޓް ހިފަހައްޓާފައިވެއެވެ.
ދެވަނަ ކުއާޓާ ނިމުނުއިރު ބަނގްލަދޭޝް ޓީމު ކުރީގައި އޮތީ ރާއްޖެއަށްވުރެ އެންމެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެއީ 34 ޕޮއިންޓް 33 ޕޮއިންޓުންނެވެ. ތިންވަނަ ކުއާޓަރ ނިމުނުއިރު ރާއްޖެއިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ތިންވަނަ ކުއާޓާ ގެ ކުޅުން ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 56 ޕޮއިންޓް 50 ޕޮއިންޓުންނެވެ.
މެޗުގެ ފަހު ކުއާޓާ ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ . މެޗު ކާމިޔާބުކުރުމަށް ދެ ޓީމުވެސް ދިޔައީ ގާތްގާތުގައި ޕޮއިންޓްތައް ހޯދަމުންނެވެ. ހަތަރުވަނަ ކުއާޓަރގެ ފުރިހަމަ ވަގުތު ހަމަވިއިރު 67 ޕޮއިންޓް 67 ޕޮއިންޓުން ދެޓީމުވެސް ވަނީ ހަމަހަމަވެފައެވެ. ހަތަރުވަނަ ކުއާޓާ ނިމުނުއިރު ދެ ޓީމުގެ ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް މިނިޓުގެ ތެރޭގައި ބަންގްލަދޭޝް ވަނީ ރާއްޖޭގެ މައްޗަށް އަތްގަދަކޮށްފައެވެ. ފަހު ސެޓު ބަންގާޅު ކާމިޔާބުކުރީ 78 ޕޮއިންޓް 67 ޕޮއިންޓުންނެވެ.
މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ޒިލާލެއެވެ. އޭނާ ވަނީ މި މެޗުގައި ރާއްޖެއަށް 21 ޕޮއިންޓް ހޯދައިދީފައެވެ. ބަނގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ކެޕްޓަން އެމްޑީ ޝަމްސުޒަމާން ޙާންއެވެ. އޭނާ ވަނީ މި މެޗުގައި 30 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.
މި މުބާރާތުގައި ފިރިހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހު ހެނދުނު 9:45 ގައެވެ.
ފިރިހެނުންގެ ބާސްކެޓު ބޯޅަ އިވެންޓްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާއިރު، މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއެވެ.
މުބާރާތުގައި ރާއްޖެއާއެކު ގްރޫޕް އޭގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނޭ ޤައުމު ތަކަކީ ބޫޓާން، ސްރީލަންކާ އަދި އިންޑިއާއެވެ.