ސައުތު އޭޝިއަން ގޭމްސްގައި އިއްޔެ ބޫޓާން އަތުން މޮޅު ނުވެވުމުގެ ހުރިހާ ޒިންމާއެއް ނަގާ ކަމަށާއި ނަމަވެސް ގިނަ މައްސަލަތަކެއް ހުރިކަމަށް ބުނެ ޤައުމީ ކޯޗު ޕީޓާ ސެގާޓް މީޑިއާތަކަށް އުޒުރުތަކެއް ދައްކައިފިއެވެ.

މިއީ ރާއްޖޭގެ ދިގު ތާރީހުގައި 25 އަހަރުންދަށުގެ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީމުގައި ސީނިއާ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ސަރަހައްދުގެ އެންމެ ދަށް ޤައުމުގެ ގޮތުގައި އޮތް ބޫޓާނުން ރާއްޖޭގެ މައްޗަށް ހޯދި މި ތާރީހީ ކާމިޔާބު އެ ގައުމުން ދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

ނޭޕާލްގެ ދަސަރަތް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޫޓާނުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. ރާއްޖެއިން ނަތީޖާ ހަމަހަމަކުރި ގޯލު ޖަހާފައިވަނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ބޫޓާނުން މޮޅުވިނަމަވެސް މި މެޗުގައި ދިވެހި ޓީމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ބޫޓާން އަތުން ބަލިވުމާއެކު ޓީމުގެ ކެޕްޓަން އަކްރަމް ކައިރީގައި ގައުމީ ކޯޗު-- ފޮޓޯ: އަބީދު/ އެމްއޯސީ

މެޗަށްފަހު ދެކުނު އޭޝިއާގެ މީޑިއާތަކުގެ ކުރިމަތީގައި ވާހަކަދައްކަމުން ޤައުމީ ކޯޗު ބުނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށާއި ހުރިހާ ޒިންމާއެއް އޭނާ ނަގާކަމަށެވެ. ނަަމަވެސް އެ ވާހަތަކަށްފަހު ކޯޗު ވަނީ ރާއްޖެ ބަލިވުމުގައި ތަފާތު އުޒުރުތައް ދައްކާފައެވެ. އެގޮތުން މުބާރާތުގެ ޝެޑިއުލް އޮތް ގޮތަކީ ޓީމެއް ކުޅެވޭގޮތަށް އޮތް ޝެޑިއުލް އެއް ނޫންކަމަށާއި މުބާރާތުގެ އިންތިޒާމުތައް ހުރީ ރަނގަޅަށް ނޫންކަމަށް ބުނެ ކޯޗު ވަނީ ވާހަކަދައްކާފައެވެ.

ޝެޑިއުލްއާއި ގުޅޭގޮތުން ޤައުމީ ކޯޗު ވާހަކަދެއްކިއިރު ބޫޓާން ވެސް ވަނީ ރާއްޖެއާއި ހަމަ އެއް ދުވަސްތަކެއްގައި މެޗުތަކެއް ކުޅެފައެވެ. މުޅި މުބާރާތުގައި ވެސް ޝެޑިއުލްއާއި ގުޅިގެން ތަފާތު އުޒުރުތަކެއް ދައްކަނީ ރާއްޖޭގެ ކޯޗު އެކަންޏެވެ.

ބޫޓާނާއި ރާއްޖެ ބައްދަލުުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އަބީދު/ އެމްއޯސީ

ޤައުމީ ކޯޗު ބުނީ ޓީމުގެ މައްސަލައަކީ ރާއްޖެއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށެވެ. އަދި ރާއްޖެ ކުޅޭ ސްޓައިލްގެ ގޮތުން ހަތަރު ދުވަހުން ތިން މެޗު ކުޅުމަކީ ކުޅުންތެރިނަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރި އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަބަޔަކު ދަނީ ކޯޗުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ފުޓުބޯޅަ ކޯޗުންނާއި ސަޕޯޓަރުން ފާހަގަކޮށްލެވެއެވެ. ފާޑުކިޔުންތައް އަމާޒުވުމާއެކު ގައުމީ ކޯޗުގެ މަގާމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.