ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގައި ރާއްޖޭގެ މައްޗަށް މުބާރާތް ބާއްވާ ނޭޕާލް 84 ލަނޑުން މޮޅުވެއްޖެއެވެ.

މެޗުގެ ޓޮސް ދިމާވެގެން ނޭޕާލް ގަސްތުކުރީ ކުޅެން އެރުމަށެވެ. އެ ޓީމު ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 163 ލަނޑެވެ.

މި އިނިންގްސްގައި ނޭޕާލް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 40 ލަނޑު ހެދި ކަރަން އާއި 39 ލަނޑު ހެދި ދިޕެންދްރާ ސިންގް އެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެންއަރާ 20 އޯވަރުގެތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. މި އިނިންގްސްގައި ރާއްޖެއަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 17 ލަނޑު ހެދި މުހައްމަދު އައްޒާމް އާއި 13 ލަނޑު ހެދި މުހައްމަދު ރިޝްވާން އެވެ.

ފިރިހެން ކްރިކެޓް މުބާރާތް ކުރިޔަށްދަނީ ލީގު އުސޫލުންނެވެ. މިހާތަނަށް ރާއްޖެ ވަނީ ކްރިކެޓުގެ ގަދަ ދެ ބާރު ކަމަށްވާ ސްރީލަންކާއާއި ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމާއި ދެކޮޅަށް މެޗު ކުޅެފައެވެ. ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗާއި ލަންކާ މެޗުގައިވެސް ދިވެހި ޓީމުން ވަނީ ބޯޅަ ހޮވަން އަރާ މޮޅު ކުޅުމެއް ދައްކާފައެވެ.

ލީގު އުސޫލުން ކުޅޭ މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ބޫޓާނާއެވެ. ބޫޓާންވެސް އަދި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެއެވެ.

ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް އާޢި ނޭޕާލް އާއި ސްރީލަންކާ ގެ އިތުރުން ބޫޓާނެވެ.