ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި މުހައްމަދު އަލީ (ޑެންޒޯ) ގެ ޕެއާއިން ޕާކިސްތާން ބަލިކޮށް ކުއާޓާފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

ޕޮކަހަރާގެ ލޭކް ސައިޑް ބީޗް ވޮލީ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި އެޑަމްއާއި ޑެންޒޯގެ ޕެއާއިން މެޗު ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. މި ޕެއާއިން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕާކިސްތާން އަތުން ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ޕާކިސްތާނުގެ ރައްޒާގް މުހައްމަދާއި ވަސީން މުހައްމަދުގެ ޕެއާއާ ވާދަކޮށް ރާއްޖޭގެ ޕެއާއިން ވަނީ ވާދަވެރި ކުޅުމެއް ކުޅެފަ އެވެ. ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ ސެޓު އެޑަމްއާއި ޑެންޒޯގެ ޕެއާއިން ގެންދިޔައީ ދެ ޕޮއިންޓްގެ ތަފާތުންނެވެ. ދެވަނަ ސެޓު ފެށިގެން ރާއްޖޭގެ ޕެއާއިން ބޮޑު ލީޑެއްގައި އޮވެގެން ކުޅެމުންދިޔައިރު އެ ސެޓު ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. އެ ސެޓު ރާއްޖޭގެ ޕެއާއިން ގެންދިޔައީ 17-19 އިންނެވެ.

މެޗުން މޮޅުވި ރާއްޖޭގެ ޕެއާ-- ފޮޓޯ: ޝަރުހާން/ އެމްއޯސީ

އިއްޔެ ޕާކިސްތާނާ ދެކޮޅަށް ވާދަކުރި ރާއްޖޭގެ ދެވަނަ ޕެއާގައި ހިމެނޭ އަބްދުﷲ ޒަޔާން އާއި އަހުމަދު މުހައްމަދު (ކޮކޭ) މިއަދު ވަނީ ޕާކިސްތާނުގެ ޚާން ޒަސްރބަބް އަދި ޚާން އަފާގްއާ ވާދަކޮށް ބަލިވެފައެވެ. މިއަދުގެ މެޗުން ރާއްޖޭގެ ޒަޔާން އާއި ކޮކޭގެ ޕެއާއިން ބަލިވީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕާކިސްތާނުގެ ޕެއާއިން ގެންދިޔައީ 18-21 އަދި 13-21 އިންނެވެ.

މިފަހަރުގެ ބީޗް ވޮލީ އިވެންޓުގައި އިންޑިއާއާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން ކުއާޓާއަށް ދަތުރުކުރާނީ ދެ ގުރޫޕުގައި ހިމެނޭ ފަސް ޓީމުގެ ތެރެއިން ހަތަރު ޓީމެވެ.