ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ވަރުގަދަ އިންޑިއާ އަތުން ބޮޑުތަފާތަކުން ބަލިވެ ސެމީފައިނަލުގެ އުއްމީދު ކުޑަވެއްޖެއެވެ.
އިންޑިއާ އަތުން ރާއްޖެ ބަލިވީ 156 ޕޮއިންޓް 33 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން ރާއްޖެ ކޮޅަށް 31 ޕޮއިންޓް ހޯދިއިރު ރާއްޖެއަށް ހޯދުނީ 8 ޕޮއިންޓެވެ.
ދެވަނަ ކުއާޓާގެ ކުޅުން ނިމުނުއިރު އިންޑިއާއިން ވަނީ 64 ޕޮއިންޓް ހޯދާފައެވެ. މި ކުއާޓާގައި ރާއްޖެއަށް ހޯދިފައިވަނީ އެންމެ 19 ޕޮއިންޓެވެ. ތިންވަނަ ކުއާޓާގައި އިންޑިއާއިން 102 ޕޮއިންޓް ވަނީ ހަމަކޮށްފައެވެ. މި ކުއާޓާގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މި ކުއާޓާގައި ރާއްޖެއަށް ސްކޯކުރެވިފައިވަނީ 26 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާއަށް ދެ ޓީމުން ވެސް ނިކުތީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން ރާއްޖެއިން މި ކުއާޓާގައި ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ. މި ކުއާޓާގައި އިންޑިއާއިން ވަނީ 156 ޕޮއިންޓް ހަމަކޮށްފައެވެ. މި ކުއާޓާގައި ރާއްޖެއަށް ހަމަކުރެވުނީ 33 ޕޮއިންޓެވެ.
މި މެޗުގައި އިންޑިއާގެ ދިގު ކުޅުންތެރިންގެ ފަރާތުން ރާއްޖެއަށް ވަރަށް ނުރައްކާވިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޕޮއިންޓް ހޯދުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ.
އަންހެން ބާސްކެޓްބޯޅަ ޓީމުގެ ދެވަނަ މެޗުގައި ލަންކާއާއި ދެކޮޅަށް ނިކުންނާނީ އާދީއްތަ ދުވަހުގައެވެ.