ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ފަތުރުވެރިންނެއް ރާއްޖެ އަންނަމުން ދާއިރު، އެމީހުންގެ މިދަތުރުގެ ހަމައެކަނި މަންޒިލަކަށް ވަނީ ރިސޯޓުތައް އެކަންޏެއް ނޫންނެވެ. ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް ދިވެހިންގެ އާދަކާދަތައް ތަޖުރިބާކޮށްލުމަކީވެސް ކުރާ ކަމެކެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއްތަނީ ވެރިރަށް މާލެއަށް ވާއިރު، މިގޮތަށް އަންނަ ފަތުރުވެރިންނަށް މާލެ ފައިބާ އުޅުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ޚާއްސަގޮތެއްގައި ކުރޫޒު ލައިނާތަކުން މާލެ އަންނަ ފަތުރުވެރިންނަށް އެމީހުން މަޑުކޮށްލާނެ ތަނެއް ނެތުމުގެ އިތުރުން ވަންނާނެ ފާޚާނާއެއް ނެތުމަކީ ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކު މާލެއަށް އައިސް އުޅެނިކޮށް އަމިއްލަ ގަޔަށް ބޮޑުކަމު ހާޖަތަށް ދެވިފައި ހުއްޓައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވި ތަން ފެނުނެވެ. އެއީ އެފަތުރުވެރިންނަށް ޚާއްސަ ފާޚާނާއެއް މި މާލޭގައި ހެދިފައި ނެތުމުންނެވެ.

މަސްވެރިންގެ ޕާކުގައި ތަރައްޤީކުރާ ޓާމިނަލް ސަރަހައްދު

މިމައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މާޗުމަހުގައި މަސްވެރިންގެ ޕާކުގައި ކުރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންނަށް ޚާއްސަ ޓާމިނަލެއް ހެދުމުގެ މަސައްކަތް ސަރުކާރުގެ އެކި ކުންފުނިތަކުގެ އެހީއާއި އެކު ފަށައި، މިމަހުގެ 10 ވަނަ ދުވަހު ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން މި މަސައްކަތަށް އެމްޕީއެލްއާއި ޕްލޭނިން މިނިސްޓްރީއާއި އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ލިބޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މަސައްކަތުގެ ބޮޑުބައި ކުރަމުންދަނީ އެމްޑަބްލިއުއެސްސީން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިސޯދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީޕް ވިދާޅުވީ މާލެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން، މިހާރު ފެންނަމުންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޓެންޓުތައް ޖަހައިގެން، ތިބޭ މަންޒަރު ކަމަށެވެ. އަދި އެމީހުންނަށް ވަދެވޭނެ ފާޚާނާއެއްވެސް ނުހުންނަ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް ފަސޭހަކަމާއި އެކު މާލެ އައިސް އުޅެވޭނެ އިންތިޒާމްތަކާއި އެކު މަސްވެރިންގެ ޕާކުގައި ހަދަމުންދާ ޓާމިނަލް މިމަހުގެ 10 ގައި ނިންމައި ހުޅުވުމުން މިކަންކަމަށް ހައްލު ލިބޭނެ ކަމަށެވެ.

މާލެއަށް މިހާރު ވަރަށް ގިނަ ފަތުރުވެރިން އައިސް އެކި ތަންތަނުގައި ޓެންޓުތައް ޖަހައިގެން މި ތިބެނީ އެމީހުންނަށް ދެވޭނެ ފާޚާނާއެއް ނުހުރޭ. އެހެންވީމަ ޓާމިނަލް މި ހަދަނީ އެމީހުންނަށް ވަދެވޭނެ ފެންވަރު ރަގަޅު ފާޚާނާތަކަކާއި ، މައުލޫމާތު ފޯރުކޮށްދޭ ޓެސްކުތަކަކާއި އެކު. އެތަނުގެ މަސައްކަތް ނިންމާނެ ތާރީޚަކީ ޑިސެންބަރު 10 ވަނަ ދުވަސް. އެ މަސައްކަތް ކުރަނީ ޕުލޭނިން މިނިސްޓްރީ އާއި ސިޓީކައުންސިލާ ގުޅިގެން އެހެންނަމަވެސް ބޮޑަށް ސީއެސްއާރު ޕޮރޮޖެކްޓެއްގެ ގޮތަށް މިމަސައްކަތް ކުރަނީ އެމްޑަބްލިޔުއެސްސީން.
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް

މަސްވެރިންގެ ޕާކުގައި ތަރައްގީ ކުރަމުންދާ ޓާމިނަލް ސަރަހައްދުގެ އިތުރު މައުލޫމާތު ވީނިއުސްއަށް ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހާ ދިމާކޮށް ޓާމިނަލް ހުޅުވުމަށް މިހާރު އެންމެފަހުގެ މަސައްކަތްތައް ކުރަމުން ކަމަށެެވެ. އަދި މި ދުވަސްވަރަކީ މާލެއަށް ގިނަ އަދަދަކަށް ކުރޫޒު ލައިނާތައް އަންނަމުންދާ ދުވަސްވަރެއް ކަމުން، މާލޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިން ތޮއްޖެހިަފއި ތިބޭ މަންޒަރު ފެންނަ ކަމަށެވެ.

ޝިފާ ވިދާޅުވީ ޓާމިނަލް ހުޅުވުމުން ޓާމިނަލްގެ މަތީގައި ފަތުރުވެރިން އަރާމުކޮށްލަން މަޑުކޮށްލުމަށް ޚާއްސަ އިންތިޒާމްތަކެއް ހުންނާނެ ކަމަށެވެ. ރާއްޖެ އާއި ގުޅޭ މައުލޫމާތުތައް ލިބޭނެގޮތަށް އިންޕޮމޭޝަން ޕޮއިންޓްތަކެއް ހުންނާނެ ކަމަށާއި، މި ތަންތަނުގެ ބޭނުން ހިފައި ކޮންމެ ފަރާތަކަށް ވެސް އެބައެއްގެ ވިޔަފާރި އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިތަނުން ޓުއަރިސްޓުންނަށް ބޭނުންވާ މައުލޫމާތު ، މިސާލަކަށް ކޮންމެ ރަށަކުން އެބަޔެއްގެ ގެސްޓް ވިޔަފާރި ވިއްކަން ކަމުގައި ވިޔަސް ނުަވަތަ މާލެ އާއި ބެހޭ ތާރީޚީ މައުލޫމާތު ވިޔަސް މިތަނުގެ ޑެސްކުތަކުން ލިބޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަނީ . އަދި ކުރިޔަށް އޮތްތާންގައި ޓީވީ ބެހެއްޓިގެން ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނެ.އަދި ހާއްސަކޮން ކުރޫޒު ލައިންތަކުން އަންނަ ދަތުރުވެރިން ހަފްތާއަކަށް އަޔަސް ބޭނުންވާނެ މާލެ ކައިރި ރަށްރަށަށް ދާން . އެހެންވީމަ ރަށްތައް އިސްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު

ޝިފާ އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ވިސްނުންހުރީ ޓާމިނަލްގެ ވަޒީފާތަކުން ޒުވާނުންނަށް ފުރުސަތު ދިނުން ކަމަށެވެ. އެހެންނަމަވެސް ޓާމިނަލް ބެލެހެއްޓުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.

މަސްވެރިންގެ ޕާކުގައި ތަރައްޤީކުރަމުންދާާ ކުރޫޒް ޓާމިނަލްގެ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، އެ ސަރަހައްދުގައި ހިތްފަސޭހަކޮށްލުމަށް ޕާކެއްގެ އިތުރުން ސައިކަލް ޕާކުކުރާނެ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ސިޓީ ކައުންސިލުން ބުނީ އެސަރަހައްދު ތަރައްޤީކުރުމުގައި އެތަނުގައި ހެދިފައި ހުރި އެއްވެސް ގަހެއް ނުނަގާނެ ކަމަށާއި މިހާރު ހުރި ގަސްތަކުގެ އިތުރުން މާމެލާމެލީގެ ޕާކުތައް ހެއްދުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.