ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޖަރުމަނުގެ ޕީޓަ ސެގާޓް ވަކިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ކޯޗުގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން ހާމަކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ. ބައްސާމް ވިދާޅުވީ ޕީޓަ ސެގާޓްގެ އެއްބަސްވުން އުވާލީ ދެ ފަރާތް އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ސެގާޓް ވަކިކުރީ މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުންނެވެ. މި ގޭމްސްގައި ރާއްޖެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ނޭޕާލް އަތުން 1-2 އިން މިއަދު ރާއްޖެ ބަލިވިއިރު، މީގެ ކުރިން ވަނީ ބޫޓާން އަތުންވެސް 2-1 އިން ބަލިވެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 40 އަހަރުވީ ތާރީހުގައި ސީނިއާ ލެވެލެއްގައި މިހާތަނަށް ބޫޓާން އަތުން ބަލިވެފައެއް ނުވެ އެވެ. މީގެ ކުރިން ބޫޓާން އަތުން ބަލިވީ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމާއި 15 އަހަރުން ދަށުގެ ޓީމެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ސެގާޓް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު އެވެ. އެދަވަހު މަގާމާ ހަވާލުވުމަށްފަހު ސެގާޓް އޭރު ބުނެފައިވަނީ އޭނާގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ ބަދަލުކުރުމުގެ މަސައްކަތް ފަށާ މީހާ އަށް ވުން ކަމަށެވެ. އޭގެ ފަހުން ޒުވާން ގިނަ ކުޅުންތެރިންތަކަށް ސެގާޓް ގައުމީ ޓީމުން ވަނީ ފުރުސަތު ދީފައެވެ.

އަދި މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕް އޭނާ ކާމިޔާބުކުރީ ޒުވާން ސްކޮޑަކާއެކުއެވެ. ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ނަމަވެސް، ރާއްޖެއަށް އެ މުބާރާތުގައިވެސް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ އޭރުވެސް ގިނަ ބައެއްގެ ފާޑު ކިޔުން އޭނައަށް އަމާޒުވިއެވެ.

އޭގެ ފަހުން އޭނައަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ ގައުމީ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) ބޭރުކުރި ހިސާބުންނެވެ. ދަގަނޑޭ ގައުމީ ޓީމުން ބޭރުކުރީ މިދިޔަ އަހަރުގެ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް ބުނެއެވެ. އެއަށްފަހު ގައުމީ ކޯޗު ވަނީ ދަގަނޑޭ ސްކޮޑުން އުނިކުރުމާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކާފައެވެ.

ފަހުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކޯޗު ވަނީ ދަގަނޑޭއަށް ފުރުސަތު ދީފައެވެ. ދަގަނޑޭއަށް ފުރުސަތުދެމުން ކޯޗު ބުނީ، އޭނާ ޓީމުގައި ހިމެނީ މައާފަށް އެދުމުން ކަމަށެވެ.

ކޯޗުގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި މިހާތަނަށް ރާއްޖެ މޮޅުވެފަިވަނީ އެންމެ ދެ މެޗުންނެވެ. ކޮލިފައިންގައި ރާއްޖެ އޮތީ ގްރޫޕްގެ ހަތަރުވަނައިގައި 5 މެޗުން 6 ޕޮއިންޓާއެކު އެވެ.