ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ގޭމްސް ބާއްވާ ނޭޕާލް އަތުން 2-1 އިން ބަލިވުމާއެކު ރަން މެޑަލްއަށް ޓާގެޓުކުރި ރާއްޖޭގެ ފުޓުބޯޅަ ޓީމު ހުސްއަތާ ނިންމާލައިފިއެވެ.

ނޭޕާލްގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ދަސަރަތް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ 18 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. މި ގޯލު ފޭދޫއިއްބެ ޖަހާފައިވަނީ ހުސެއިން ސިފާއު (ކުރޯ) އޭރިއާ ތެރެއަށް ވަދެ ދިން ބޯޅައަކުންނެވެ. ފޭދޫ އިއްބެއަށް ބޯޅަ ލިބުނު އިރު ނޭޕާލްގެ ޑިފެންޑަރުން ތިބީ ރަނގަޅަށް މާކުކޮށްގެން ނޫނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ އަބިޝޭކް ރިޖާލް އެވެ. ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބޯމަތިން އޭރިއާތެރެއަށް ވެއްޓުނު ބޯޅަ ހޯދައި އަބިޝޭކް ވަނީ ކީޕަރު ހުސެން އަތްމަތިން ދުރުކަނަށް އަމާޒުކޮށްލައިފައެވެ.

މި މެޗުގައި ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްއަށް ކުޅެމުން އަންނަ އިސްމާއީލް ޒާން އާމިރަށް ވަނީީ ފުރުސަތުދީފައެވެ އޭނާގެ ފަރާތުން ވަނީ މެޗުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފު ނޭޕާލުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖޭގެ ހާފަށް ވަރަށް ބާރުބޮޑުކޮށްފައެވެ، ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނިޓްގައި ނޭޕާލް ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. ލިބުނު ކޯނަރަކުން ރާއްޖެ އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަނަންތާ ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ރަން މެޑެއްޔަކަށް އަމާޒުކޮށްގެން އައި ރާއްޖެ މުބާރާތް ނިންމާލީ މޮޅެެއް ނުލިބި އެވެ. ލީގު ބުރުގައި ހަތަރު މެޗު ކުޅުނުއިރު ސްރީ ލަންކާ އާއި ބަންގްލަދޭޝްއާ އެއްވަރުވީ އެވެ. އަދި ބޫޓާނާއި ނޭޕާލް އަތުން ބަލިވީ އެވެ. ނޭޕާލާ ދެކޮޅަށް ލީގު ބުރުގެ ފަހު މެޗުގައި މިއަދު ނުކުތްއިރު، ފައިނަލަށް ދިއުމަށް ރާއްޖެ އަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ.

ފަސް ޓީމާއެކު ލީގު އުސޫލުން ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖެ މިވަގުތު އޮތީ ފުލުގައެވެ. ނަމަވެސް މާދަމާ ބޫޓާނާއި ލަންކާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ހަތަރުވަނައިގައި ނިންމާލެވިދާނެއެވެ. ފަސްވަނައިގައި ނިންމާލަން ޖެހިއްޖެނަމަ އެއީ މިހާތަނަށް ސަރަހައްދީ ބޮޑު މުބާރާތަކުން ރާއްޖެ ނެރޭނެ އެންމެ ދަށް ނަތީޖާއެވެ.

މި މުބާރާތުގައި ރާއްޖެއާއި ބަންގާޅުގެ އިތުރުން ސްރީލަންކާއާއި ބައްދަލުކުރި މެޗު ނިމުނީ އެއްވަެރުވެގެންނެވެ. އެގޮތުން ސްރީލަންކާއާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ބަންގްލަދޭޝް އާއި ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ބޫޓާނާއި ވާދަކޮށް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު މީޑިއާތަކުގައި ވާހަކަދައްކަމުން ކޯޗު ޕީޓާ ސެގަޓް ވަނީ ގިނަ އުޒުރުތަކެއް ދައްކާފައެވެ. އެގޮތުން މުބާރާތުގެ ޝެޑިއުލްއާއި އިންތިޒާމުތަކަށް ވަރަށް ބޮޑަށް ފާޑުކީއިރު މި މެޗުގައި ރާއްޖެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުކަން ވަނީ ފާހަގަކޮށްފައެވެ.

މި ނަތީޖާއާއެކު އެފްއޭއެމުން ވަނީ ގައުމީ ކޯޗުކަމުން ޕީޓާ ސެގަޓް ވަކިކޮށްފައެވެ.