ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރުވަނަ މެޗުގައި ބޫޓާން ބަލިކޮށް މުބާރާތުގެ ބްރޮންޒް މެޑަލް މެޗަށް ދަތުރުކޮށްފިއެވެ.

ޓީޔޫ ކްރިކެޓް އެރީނާގައި ކުރިޔަށްދާ ކްރިކެޓް މުބާރާތުގައި ބޫޓާނާއި ވާދަކޮށް ރާއްޖެ މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ. މެޗު ރާއްޖެއިން ކާމިޔާބުކުރި އިރު ރާއްޖެއަށް ބާކީ 29 ބޯޅަ ނުކުޅެ އޮތެވެ.

މެޗުގެ ޓޮސް ދިމާވެގެން ބޫޓާން ގަސްތުކުރީ ކުޅެން އެރުމަށެވެ. އެ ޓީމު ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. މި އިނިންގްސްގައި ބޫޓާން ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ސިންޔޭ އެވެ. ޖަވާބުގައި ރާއްޖެއިން ކުޅެން އަރާ 15.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.

މި އިނިންގްސްގައި ރާއްޖެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ އަހުމަދު ހަސަން އާއި އާދަމް އުމަރެވެ. އަހުމަދު ހަސަން ނުބައިވިއިރު އޭނާ ވަނީ 29 ލަނޑު ހަދާފައެވެ. އަދި އާދަމް އުމަރު ވަނީ ނުބައިނުވެ 37 ލަނޑު ހަދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން އަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އިނާމް ހަވާލުކުރަނީ - ފޮޓޯ: ކްރިކެޓް ބޯޑު

ރާއްޖެ ވަނީ ބަންގްލަދޭޝް އާއި ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމުގެ އިތުުރުން މުބާރާތް ބާއްވާ ނޭޕާލް އަތުން ބަލިވެފައެވެ. މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ލަންކާއާއި ބަންގްލަދޭޝް އެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ލީގު އުސޫލުން ކުޅުނު މުބާރާތުގެ ތިންވަނަ ހޯދި ނޭޕާލާއި ހަތަރުވަނަ ހޯދި ރާއްޖެއެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހެނދުނު ރާއްޖެގަޑިން 8:15 ގައެވެ.