މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާއި ގުޅިފައިވާ ތަނެއް ކަމަށާއި، ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި މުލިއާގެ ހިމަނައި، ހިމާޔަތްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި ހޮނިހިރުދުވަހުގެރޭ މުލިއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުލިއާގެއަކީ ތާރީހެއް އޮތްތަނެއް ކަމަށާއި، ދައުލަތުގެ އެތައް ވުޒާރާއެއް ހިންގުމުގެ އިތުރުން ވަރަށް ގިނަ ހިދުމަތްތަކެއް އެތަނަކާ ގުޅިފައިވާ ތަނެއްކަމަށެވެ.

އެގޮތުން މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބޮޑުވަޒީރުގެ އޮފީހާއި، ދާހިލީ ވުޒާރާއާއި، ހާރިޖީ ވުޒާރާގެ އިތުރުން ސުޕްރީމް ކޯޓާއި، ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމާއި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާއި، ވަލީ ކޮމިޓީ ހިންގުމުގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުން މިނިވަންކުރުމުގެ މުހިއްމު ވާހަކަ ދެކެވުނީވެސް މުލިއާގޭގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ސަގާފަތާއި ތާރީހް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމުގައި ވިދާޅުވިއެވެ. މި ސަގާފަތް ރައްކަތެރިކޮށް އަންނަން އޮތް ޖީލުތަކަށް ކާބަފަިންގެ މަސައްކަތްތައް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަގާފަތަކީ މިއަދުގެ ގޮތުންނަމަ އިޤްތިސާދުގެވެސް ބައެއް ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން ދުރު ސަރަހައްދުތަކަށްވެސް ފަތުރުވެރިން ދަތުރުކުރާ މައިގަނޑު ސަބަބަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާއްސަކޮށް މި މިލޭނިއަމްގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކައާއި ސަގާފަތް ދެނެގަތުން ކަމުގައި ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ހާއްސަ އިސްކަމެއްދީގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި އާވުޒާރާއެއް އުފައްދަވާފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ގާނޫނެއްވެސް ވުޖޫދަށް ގެނެސްދީފައިވާނެކަމަށް ވިދާޅުވިއެވެ.

މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީހު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާކަމަށް ރައީސް ފާހަގަކުރައްވާފައި ވެއެވެ.

“އެއީ މުލީ ހަތީބު މުހައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ އިމާރާތެއް. ބިންގަލެއް އަޅާ، ރާނާ އޭގެމަތީގައި މެއްލަޖަހާ ހެދި ގެއެއް. އެގެ ވާރުތަވަމުންއައިސް ހަސަން އިއްޒުއްދީން. އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު އައްސުލްތޯން އިބްރާހިމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި އެގެ، އެރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން ތިނަކަށް އެގެ ވާރުތަވެގެންދިޔަ. އެއަށްފަހު އެރަދުން ރަސްކަމުގައި ހުންނަވާ، އެރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު ޕްރިންސް އިއްޒުއްދީނަށް މިގެ ހައްދަވާދެއްވީ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ އިމާރާތަކީ އެއީ”
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މުލިޔާގެއަށް 100 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފައިވާތީ މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެދެބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ 6 ރައީސުންނާއެކު ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެބޭފުޅުން ކަމުގައި ވިދާޅުވެ އެދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.