އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ތަށި ދިފާއު ކުރަމުގެ ފުރުސަތު ހަނިވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗު ކާމިޔާބުކޮށްގެން ލެސްޓާ ސިޓީ ފަހަތަށް ޖައްސާލައި ތާވަލުގެ ދެވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ސިޓީއަށް ލިބުނު ނަމަވެސް، މިހާރު ސިޓީ އޮތީ 16 މެޗުން 32 ޕޮއިންޓާއެކި ތާވަލުގެ ތިންވަނައިގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅަށް ކުޅުނު އިރު އެޓީމުން މި ހާފު ނިންމާލީވެސް ދެ ގޯލުގެ ލީޑެއްގައި އޮވެއެވެ. ޔުނައިޓެޑަށް ފުރަތަމަ ގޯލް ޖަހައިދިނީ ޕެނަލްޓީ އަކުން މާކަސް ރަޝްފޯޑްއެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ރަޝްފޯޑަށް ބެނާޑޯ ސިލްވާ ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުގެ އެހީގައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި އެންތަނީ މާޝިއާލް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ސިޓީން ފަރަގު ކުޑަކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރިޔާދު މާރޭޒް ނަގައިދިން ކޯނަރަކުން އޮޓަމެންޑީ ކާމިޔާބުކޮށްދިން ގޯލުންނެވެ.

ބޯންމަތާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން ---

ލީގުގައި ރޭ ސިޓީ ބަލިވިއިރު، ރޭ ބޯންމަތުގެ މައްޗަށް ކުރިހޯދާ ލިވަޕޫލުން ވަނީ ސިޓީއާ ދެމެދު އޮތް ފަރަގު 14 ޕޮއިންޓަށް ބޮޑު ކޮށްފައެވެ. އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިވަޕޫލަށް ލިބޭއިރު، ލިވަޕޫލް ވަނީ 16 މެޗުން 46 ޕޮއިންޓު ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ލެސްޓާއަށް 15 މެޗުން ވަނީ 35 ޕޮއިންޓު ލިބިފައެވެ.

ބޯންމަތުގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

މުޅި މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅުނު ލިވަޕޫލުން ވަނީ ބޯންމަތުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ލިވަޕޫލުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލް 35 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ. އޭގެފަހުން މި ހާފުގެ ފަހު މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ނަބީ ކެއިޓާއެވެ. އަދި ލިވަޕޫލްގެ ތިންވަނަ ގޯލް ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ކެއިޓާ ދިން ބޯޅައަކުން ޖަހައިދިނީ ސަލާހެވެ.

އެވަޓަން އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ލީގުގައި އިއްޔެ ޑަންކަން ފާގަސަން އިރުޝާދުދިން ފުރަތަމަ މެޗުން ޗެލްސީ އަތުން އެވަޓަން ވަނީ މޮޅުވެފައެވެ.

އެވަޓަންގެ ކޯޗުގެ މަގާމުން މާކޯ ސިލްވާ ދާދި ފަހުން ވަކިކޮށްފައިވާއިރު، އެޓީމަށް މިހާރު އިރުޝާދު ދެމުން އަންނަނީ ކުރިން އެވަޓަންގެ ޖާޒީގައި ކުޅުނު ފާގަސަންއެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެވަޓަން އިއްޔެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެވަޓަންއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ރިޗާލިސަންއެވެ.

ޗެލްސީގެ ފަރާތުން މި މެޗުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޑޮމިނިކް ކެލްވާޓް-ލެވިން ވަނީ އެވަޓަންއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މަޓެއޯ ކޮވަސިޗް ވަނީ ޗެލްސީއަށް ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް އުންމީދު އާކޮށްދީފައެވެ. މިއީ ޗެލްސީއަށް ބަދަލުވިފަހުން ކޮވަސިޗް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

މި މެޗުން އެވަޓަން ތިން ޕޮއިންޓު ކަށަވަރުކުރީ 84 ވަނަ މިނެޓުގައިި ޑޮމިނިކް ކެލްވާޓް-ލެވިން ކާމިޔާބުކުރި ގޯލުންނެވެ. މި މޮޅާއެކު އެވަޓަން ވަނީ 17 ޕޮއިންޓު ހަަމަކޮށް ތާވަލުގެ 14 ވަނައަށް ޖެހިލާފައެވެ. އަދި މިއަދުގެ މެޗުން ބަލިވި ޗެލްސީ އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.