ސްޕެނިޝް ލީގުގައި ރޭ ލިއޮނެލް މެސީ ކާމިޔާބުކުރި 35 ވަނަ ހެޓްރިކާއެކު ބާސެލޯނާ އިން މަޔޯކާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލީގުގައި އިއްޔެ ހަވީރު ރެއާލުން ވަނީ އެސްޕަންޔޯލްގެ މައްޗަށް 2-0 އިން ކުރި ހޯދާ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެކަމަކު ރޭ ދަންވަރު ކުޅުނު މެޗުން ބާސާ ވަނީ މަޔޯކާ އަތުން ފަސޭހަކަމާއެކު 5-2 އިން މޮޅުވެ އަލުން އެއްވަނައަށް އަރާފައެވެ. މި މޮޅާއެކު ބާސާއަށް އެއްވަނަ ލިބެނީ 34 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ވިއްދާފައި އޮތް ވާދަވެރި ރެއާލަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ބާސާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސާ އިން މަޔޯކާ ކޮޅަށް ފަސް ގޯލް ޖެހިއިރު، އޭގެ ތެރެއިން ތިން ގޯލް ކާމިޔާބުކޮށް މެސީ ވަނީ ރެކޯޑެއް ހަދާފައެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ހެޓްރިކް ހަދައިގެން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑު މުގުރާލާފައެވެ.

މި މެޗުގައި ބާސާއިން ޖެހި ފުރަތަމަ ގޯލް މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. ބާސާގެ ދެވަނަ ގޯލް މެސީ ޖެހި ނަމަވެސް 35 ވަނަ މިނެޓުގައި މަޔޯކާގެ އަންޓޭ ބުޑިމިއާ ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

ބާސާއަށް އަނެއްކާވެސް ލީޑު ފުޅާކޮށްދިނީ މެސީއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ހަތަރުވަނަ ގޯލް ޖެހީ ފްރެންކީ ޑިޔޮން ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒްއެވެ.

ދެވަނަ ހާފުގައި މަޔޯކާއިން ކުޅުން ރަނގަޅުކުރިއިރު، 64 ވަނަ މިނެޓުގައި ބުޑިމިއާ ވަނީ އެޓީމުގެ ދެވަނަ ގޯލް ޖަހާފައެވެ. އެކަމަކު މެސީ ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.