39 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.

ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމުގެ ދާއިރާގެ ސިޔާސަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިންގެ ފޯރަމް ފަށްޓަވައިދެއްވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގަޔާއި މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއް މަޝްވަރާކުރުން ކަމަށެވެ.

އެގޮތުން މިއަހަރުގެ ފޯރަމްގައި އިންޑިއާ ކަނޑުގައި، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމާ، މަސްވެރިކަމުގެ ޤާނޫނާއި ގަވާދުތަކާއި ގުޅޭގޮތުންނާއި ދާއިރާއާއި ގުޅުންހުރި އެހެން ބަައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ފޯރަމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރާ، އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ނުވަތަ ކެޗް އެލޮކޭޝަންއާގުޅޭ މަޢުޟޫއަކީ މަސްވެރިކަމަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް ވަރަށް މުޙިއްމު، އެކަމަށް މަސްވެރިންނާއި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މައުޟޫއެއް ކަމަށެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ މި ފޯރަމްގައި މަސްވެރިން ބައިވެރިވެ މިނިވަންކަމާއެކު ޝުއޫރުފާޅުކޮށް މަސްވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަން ކުރުމަށް އުފެއްދުންތެރި މަސްވަރާތަކެއް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ފެށި ފޯރަމްގައި ރާއްޖޭގެ 15 އަތޮޅުން، މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގެ ތަފާތު މަސައްކަތްތަކުގައި ހަރާކާތްތެރިވާ ކުންފުނިތަކާއި މަސްވެރިކަމުގެ ޖަމްއިޔާތަކުން ބައިވެރިވެފައިވެއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ޑިސެމްބަރު މަހެއްގެ 10 ވަނަ ދުވަހެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިފަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން މިމަހުގެ 6 ން 7 އަށް ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން "ހިނގާމަހަށް" މިނަމުގައި މަސްދަތުރެއް ބާއްވާފައެވެ. އަދި މިމަހުގެ 6 އިން 8 އަށް މަސްވެރިންގެ އެކްސްޕޯއެއްވެސް ވަނީ ބާއްވާފައެވެ.

މީގެއިތުރުން 9 ވަނަ ދުވަހު މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ 10 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.