ވޯލްޑް ހެލެތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އޮމާނަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ އަމީން އޮމާނަށް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ހެލްތް މިނިސްޓްރީން ބުނީ މިނިސްޓަރގެ މި ދަތުރުފުޅަކީ ''ގްލޯބަލް މީޓިންގ ޓު އެކްސެލަރޭޓް ޕްރޮގްރެސް ޓުވާޑްސް އެސްޑީޖީ ޓާގެޓް 3.4 އޮން ނަން ކޮމިއުނިކަބަލް ޑިިޒީޒަސް އެންޑް މެންޓަލް ހެލްތު'' ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ޑަބްލިއުއެޗްއޯ އަދި އޮމާންގެ ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެއް ކަމުގައެވެ. މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންގެ އިތުރުން ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ގައިންގަޔަށް ނަރާ ބަލިތަކާ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން 2030 ވަނަ އަހަރުގެ ކުރިން ހާސިލްކުރުމަށް ނިންމާފައިވާ ގޯލްތައް ހާސިލްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުން މާދަމާ ފަށަން ނިންމާފައިވާއިރު، މިމަހުގެ 21 ނިޔަލަށް މިބައްދަލުވުންތައް ކުރިއަށް ދާނެއެވެ.