އާޖެންޓީނިއަން ރިޕަބްލިކާއި ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ:

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު މިސްޓަރ ޑެނިއަލް ޗުބޫރޫއާއި ސައިޕްރަސްގެ އާ ސަފީރު، މިސްޓަރ އެގިސް ލޮއިޒޫ އަދި ނެދަލޭންޑްސްގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އާޖެންޓީނާގެ އާ ސަފީރު، ހިޑެނިއަލް ޗުބޫރޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިގްތިސާދުގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނަރޖީގެ ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޮރ ސައުތު-ސައުތު އެންޑް ޓްރޭންގިއުލަރ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ސައިޕްރަސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ:

ސައިޕްރަސްގެ އާ ސަފީރު، އެގިސް ލޮއިޒޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ:

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް، ނެދަލޭންޑްސްގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ