ކޮކާ ކޯލާ ކުންފުނިން އުފައްދާ އެކި ބުއިންތައް ބޭނުންކޮށްގެން ތައްޔާރުކުރާ ރަހަމީރު މޮކްޓެއިލްސްތަކެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ކޮކާ ކޯލާ ކުންފުނީގެ ބުއިންތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ އެކި މޮކްޓެއިލްސްތައް ތައްޔާރުކުރުމަށް އިއްޔެ ސޯލްޓް ކެފޭގައި "މިކްސްއޮލޮޖީ"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވާފައިވެއެވެ. މި ވޯކްޝޮޕްގައި ކޮކާ ކޯލާ ކުންފުނިން ވަނީ ރާއްޖޭގެ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ވޭޓަރުންނަށް މި ބުއިންތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދީފައެވެ.

މި ވޯކްޝޮޕް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު މިކްސްއޮލޮޖިސްޓެއް ކަމަށްވާ ސަސަންތާއެވެ. މި ވޯކްޝޮޕްގައި ރާއްޖެގެ ކެފޭ ރެސްޓޯރެންޓްތަކުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިލިދް ދެރަސާރީ ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތަކަކީ އޭގެ ޒާތުގައިވެސް ފުރިހަމަ ބުއިންތަކެއް ކަމުގައެވެ. އެހެންނަމަވެސް އިތުރު ބުއިމެއް އެއްކޮށްލުމުން އިތުރަށް ފުރިހަމަވެގެންދާ ކަމަށް ނިލިދް ދެރަސާރީ ވިދާޅުވިއެވެ.

ކޮކާ ކޯލާ ކުންފުނިން ތައާރަފުކުރި މޮކްޓެއިލްތައް ރާއްޖެގެ ކެފޭ ރެސްޓޯރެންޓްތަކުން ދުވަސްކޮޅެއްގެ ތެރޭގައި ލިބެން ހުންނާނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ. މި މޮކްޓެއިލްތަކުގެ ތެރޭގައި އެކި ވައްތަރުގެ މެވާ ބެނުންކޮށްގެން ތައްޔާރުކުރާ ބުއިންތައްވެސް ހިމެނެއެވެ.

ކޮކާ ކޯލާއިން ގެންދަނީ ކޮކާ ކޯލާގެ އުފެއްދުންތައް މުޅި ދުނިޔެއަށް ޕްރޮމޮޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޮކާ ކޯލާގެ އުފެއްދުންތައް ބެނުންކޮށްގެން ތަފާތު އެތައް ބުއިންތަކެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކޮކާ ކޯލާއިން ގެންދަނީ ކުރަމުންނެވެ.