ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިނަވާ ގޮތަށް މަޖިލީހުގެ ވަފުދު އިންޑިއާއަށް މިއަދު ފުރާވަޑައިނަވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި އިންޑިއާއަށް ވަޑައިގަތް މި ވަފުދުގައި މަޖިލީހުގެ 15 މެންބަރުން ހިމެނެއެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، ސިޔާސީ ޕާޓީތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުންނެވެ. އަދި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް މި ދަތުރުގައި ބައިވެރިވެވަޑައި ގަންނަވައެވެ.

މަޖިލީހުގެ 15 މެންބަރުނަގެ ވަފުދު އިންޑިއާއަށް ކުރައްވާ މި ދަތުރަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކްސަބާއާއި ރައްޖޭގެ މަޖިލީހާއެކު ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނުހަދާ މަޖިލީހާއެކު ރައްޔިތުންގެ މަޖިލީހުން ސޮއިކުރުމަށް މިދަތުރުގައި މިވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފަހު ޖަލްސާގައި މަޖިލީހުގެ ރައިސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީކުރުމުގެ ގޮތުން ތަމްރީނާއި ފަންނީ ފުރުސަތުތައް މަގުފަހިކުރުމަށްޓަކާ ދެފަރާތުން ރަސްމީ އޮނިގަނޑެއްވެސް އެކުލަވާލާނެ ކަމަށެވެ. އަދި ދެފަރާތުންވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލުކުރުމާއި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވައި މަގުފަހިކުރުންވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަންދެވިފައިވާ މި އެއްބަސްވުމުގައި ސޮއިކުރުމަށް ފެނޭތޯ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ފެންނަކަމަށް މަޖިލީހުގެ 68 މެންބަރުންގެ ތާއީދާއެކު ވަނީ ފާސް ކޮށްފައެވެ.