ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ސައުތު އޭޝިއަން ގޭމްސްގެ ޝޫޓިންގެ ފިރިހެނުންގެ 10 މީޓަރ އެއާ ފިސްޓޯލްގެ ކޮލިފިކޭޝަންގެ ގްރޫޕް އެކެއްގައި ވާދަކޮށް ރާއްޖޭގެ ޒިޔާން ޒިޔާއު ރަނގަޅު ވާދައެއްކޮށްފިއެވެ.

މިއަދު ކުރިޔަށްދިޔަ ކޮލިފިކޭޝަން ބުރުގައި 17 މީހުންނާއި ވާދަކޮށް ރާއްޖޭގެ ޒިޔާން ވަނީ 9 ވަނަ ހޯދާފައެވެ. ފައިނަލް ބުރަށް ކޮލިފައިވެފައިވަނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ 7 ބައިވެރިންނެވެ.

މިއީ މިހާތަނަށް މި ގޭމްސްގެ ޝޫޓިންގައި ރާއްްޖެއިން ނެރުނު އެންމެ ރަނގަޅު އެއް ނަތީޖާއެވެ. މި ކޮލިފިކޭޝަންގެ 9 ވަނައިގައި ޒިޔާން އޮތީ 561 ހޯދައިގެންނެވެ.. އޭނާއާއި އެންމެ ކައިރިން ވާދަކޮށް އަށްވަނަ ހޯދައިގެން ފައިނަލް ބުރަށް ދަތުރުކުރި ސްރީލަންކާގެ ފެނާންޑޯއަށް ހަމަކުރެވުނީ 562 އެވެ. ޒިޔާންއަށް ފައިނަލް ބުރު ގެއްލުނީ އެއް ޕޮއިންޓުގެ ތަފާތަކުންނެވެ.

މި ބައިގެ އެއްވަނަ ހޯދާފައިވަނީ އިންޑިއާގެ ރަވިންދަރ ސިންގް އެވެ. އޭނާ އެއްވަނައިގައި އޮތީ 578 ހޯދައިގެންނެވެ. ދެވަނައިގައި 574 ހޯދައިގެން ޕާކިސްތާނުގެ ޖޯސެފް އޮތްއިރު ތިންވަނައިގައި ބަންގްލަދޭޝްގެ އަހުމަދު ޝަކީލް އޮތީ 573 ހަމަކޮށްގެންނެވެ.

މިފަހަރުގެ ގޭމްސްގެ ޝޫޓިންގައި ރާއްޖެއިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ހާއްސަކޮށް މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ދެ ޕެއާ ވަނީ ގައުމީ ރެކޯޑު އާކޮށްފައެވެ. ގައުމީ ރެކޯޑް އެންމެ ފުރަތަމަ ހެދީ އެއާރ ރައިފަލް ކެޓަގަރީން އާސިފާ ޖައުފަރު (އާސީ) އެވެ. އެއާ ރައިފަލް 10 މީޓަރ ގެ އަންހެން ކޮލިފިކޭޝަންގައި އޭނާ ވަނީ 589.3 އަށް ޖަހާފައެވެ.

ޝޫޓިންގައި ގައުމީ ރެކޯޑު އާކުރި ރާއްޖޭގެ ދެ އަންހެން ޝޫޓަރުން-- ފޮޓޯ: އަބީދު/ އެމްއޯސީ

ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާ އަތުގައެވެ. އެއީ މިދިޔަ މަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. ގަތަރުގެ މުބާރާތުގައި އާސީ ވަނީ 574.3 އަށް ޖަހާފައެވެ.

މި ގޭމްސްގައި ދެން ގައުމީ ރެކޯޑެއް ހެދީ، އަންހެން 10 މީޓަރު އެއާ ޕިސްޓޯލް ކެޓަގަރީގައި ވާދަކުރި ރިއުޝާ މުހައްމަދެވެ. މި ފަހަރުގެ ގޭމްސްގައި އޭނާ ޖެހީ 546 އަށެވެ. އެ ރެކޯޑް ކުރިން އޮތީ އޭނާ އަތުގައެވެ. އެއީ އިންޑޮނޭޝިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި އޭނާ ރެކޯޑް ހެދީ 531 ށް ޖަހައިގެންނެވެ

މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 14 ޝޫޓަރުން މަސައްކަތްކުރަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައެވެ.