ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި އަވައްޓެރި ސްރީލަންކާގެ އަންހެން ބާސްކެޓްބޯޅަ ޓީމު ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ގޭމްސްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ތާރީހީ މި ކާމިޔާބު ރާއްޖެއިން ހޯދީ ފަސް ޕޮއިންޓުގެ ތަފާތަކުންނެވެ. ހަތަރު ކުއާޓާރގެ ކުޅުން ނިމުނުއިރު ސްރީލަންކާ އަށް ހަމަކުރެވުނީ 64 ޕޮއިންޓެވެ. ރާއްޖެ ހަމަކުރީ 69 ޕޮއިންޓެވެ.

ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މި މެޗުގެ ކުރިން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް މި މެޗަށް ޓީމު ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ރާއްޖެއިން ނިންމާލީ 18-09 ގެ ބޮޑު ލީޑަކާއެކުގައެވެ. ދެވަނަ ކުއާޓަރު ނިންމާލީ 38-25 އިން ރަނގަޅު ލީޑަކާއެކު އެވެ.

ރާއްޖޭގެ ޓީމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވީ ތިންވަނަ ކުއާޓަރުގައެވެ. މި ކުއާޓަރުގައި ލަންކާ އިން ކުޅުން ރަނގަޅުކޮށް ރާއްޖެ ހާސްކޮށްލި އެވެ. އެ ގޮތުން ލަންކާ އިން ވަނީ އެއްފަހަރު ލީޑުވެސް ނަގައިފައެވެ. އެއީ 44-43 އިންނެވެ. އެކަމަކު ރާއްޖޭން ވަނީ ހިތްވަރުކޮށް ރާއްޖެކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ރާއްޖޭން މި ކުއާޓަރު ނިންމާލީ 50-44 އިން ކުރީގައި އޮވެގެންނެވެ.

ހަތަރުވަނަ ކުއާޓަރ ގައި ރާއްޖެއިން ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. އެގޮތުން ލީޑު ދަމަހައްޓަން ގިނަ މަސައްކަތްކުރި އިރު ރާއްޖޭގެ ތަޖުރިބާކާރު ދެ ކުުޅުންތެރިން ކަމަށްވާ ރިޝްމާ އާއި ޝިއުރާގެ އިތުރުން އަރަމުން އަންނަ ކުޅުންތެރިއެއް ކަމަށްވާ އިސްރާއުގެ ކުޅުން ފާހަގަކޮށްލެވެއެވެ. ފަހު ކުއާޓާރގައި ނެރުނު ނަތީޖާއާއި ގުޅިގެން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ރާއްޖޭގެ އޮފިޝަލުން ވަނީ އުފާފާޅުކޮށްފައެވެ.

އަންހެން ބާސްކެޓުގައި ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޓީމު އުފާފާޅުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

ރާއްޖޭގެ ކޯޗަކަށް މަސައްކަތްކޮށްފައިވަނީ ސުޕުން ވިމާލް އެވެ. މިއީ އޭނާގެ އަމިއްލަ ގައުމު ރާއްޖެއިން ބަލިކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބަލިކޮށްފައިވަނީ ރާއްޖޭގެ ފިރިހެން ޓީމެވެ. މިއީ އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ ލަންކާ ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ހޯދި ކާމިޔާބީއާއެކު މީޑިއާގައި ވާހަކަދައްކަމުން ކޯޗު ބުނީ މިއީ ވަރަށް އުފާވެރި ނަތީޖާއެއް ކަމަށާއި ބުނާނެ އެއްޗެއްވެސް ނޭނގޭކަމަށެވެ. އަދި މިއީ އެސޯސިއޭޝަނުން ބޮޑު އެއްބާރުލުމަކާއެކު ހޯދި ކާމިޔާބީއެއް ކަމަށާއި ކުރިޔަށް އަދިވެސް ބޮޑު ޕްލޭންތަކެއް އެބައޮތް ކަމަށެވެ. އަދި ފައިނަލުން ފުރުސަތު ނުހޯދެންވީ ސަބަބެއް ނެތްކަމަށްވެސް ބުންޏެވެ.

ހޯދި ކާމިޔާބީ ފާހަގަކޮށް ސުޕުން ކޯޗު އުރާލައިގެން-- ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ ހ

ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު މެޗުގައި ނޭޕާލް އަތުން 76-62 އިން ބަލިވެ މުބާރާތާއި ވަނީ އަލްވަދާއު ކިޔާފައެވެ.