ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ފެށުނީ 28 މެއި 2019 ގައެވެ. މިގޮތުން ފުރަތަމަ ޖަލްސާގައި އޮތީ މިދައުރުގެ ރިޔާސަތު ކަނޑައެޅުމެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ނާއިބުރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިންތިޚާބުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި މަޖިލީހުގެ ރިޔާސަތަށް އަންހެން ބޭފުޅަކު ހޮވުނު ދެވަނަ ފަހަރެވެ. އޭގެ ކުރިން އޮގަސްޓް 2008 އިން މެއި 2009 ގެ ނިޔަލަށް ކުރީގެ ވަޒީރު އަނީސާ އަހުމަދު ވަނީ މަޖިލީހުގެ ނާއިބުރައީސްކަން ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބެހިގެންވަނީ އަހަރަކު ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރަކީ ފެބްރުއަރީން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެވަނަ ދައުރު ގުނަނީ ޖޫން މަހުން ފެށިގެން އޮގަސްޓުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރަކީ އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީ އާންމުކޮށް އަހަރުގެ މަސައްކަތް ނިންމައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާ މުއްދަތެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދެ ދައުރު ނިންމައި އަދި މުޅި އަހަރުގެ މަސައްކަތް ނިންމައި ނިމިގެންދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން މިވަނީ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައެވެ. މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު، މެންބަރުންގެ ހާޒިރީ ރިޕޯޓު މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

ރައްޔިތުންގެ މަޖިީލިހުގެ އިދާރާއިން އާންމުކޮށްފައިވާ ހާޒިރީ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފަހު ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް ހާޒިރުވީ 87 މެމްބަރުންގެ ތެރެއިން 39 މެމްބަރުންނެވެ. ދެވަނަ ދައުރުގައި ހުރިހާ ޖަލްސާއަކަށް ހާޒިރުވީ 34 މެމްބަރުންނެވެ.

ރިޕޯޓުގައި ބުނާގޮތުން ތިންވަނަ ދައުރުގައި އެއްވެސް މެމްބަރަކު ޗުއްޓީއެއް ނަންގަވާފައެއް ނުވެއެވެ. އަދި އެންމެ ގިނައިން ސަލާމް ފޮނުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

ނިމިގެން މިދިޔަ ދައުރުގައި އެންމެ ގިނައިން ރަސްމީ ދަތުރުތަކުގައި އުޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. އެގޮތުން ރަސްމީ ދަތުރާއި މަޖިލީހުގެ ދަތުރުގެ ސަބަބުން ހިސާނަށް 13 ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަނެވުނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ރަސްމީ ދަތުރުތަކުގައި އުޅުއްވުމުގެ ސަބަބުން 12 ޖަލްސާއަށް ވަޑައިނުގަނެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިންވަނަ ދައުރަކީ 63 ދުވަހުގެ ދައުރެއް ކަމަށާއި، މި ދައުރަކީ އެހެން ދައުރުތަކާ އަޅާބަލާއިރު ކުރު ދައުރެއް ނަމަވެސް މިދައުރުގައި މަޖީލިސް މެމްބަރުން ކުރައްވާފައިވާ މަސައްކަތް އެހެން ދައުރުތަކާ އަޅާބަލާއިރު ނުހަނު ގިނަ ކަމަށެވެ. އެގޮތުން ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން 53.3 އިންސައްތަ މަސައްކަތް ފަހު ދައުރު ތެރޭގައި ނިންމާލެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތުގެ ތެރެއިން ހުށަހެޅުނު ބިލްތަކަށް ބަލާއިރު، ކުރީ ދައުރުގައި 16 ބިލަކާއި، ފަހު ދައުރުގައި 23 ބިލެއް ހުށަހަޅާފައިވެއެވެ. ޖުމްލަ 39 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތް ފަހު ދައުރުގައި ނިންމާފައިވާއިރު، ނުނިމި ވަނީ 28 ބިލެއްގެ މަސައްކަތެވެ. އަދި ކުރީ ދައުރުން ލިބިފައިވާ 12 ގަރާރާއި، ތިންވަނަ ދައުރުގައި ހުށަހަޅާފައިވާ 5 ގަރާރުގެ ތެރެއިން ނިމިފައިވަނީ 2 ގަރާރެކެވެ. ނުނިމި 15 ގާރެއް ވެއެވެ.

ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން ފަހު ޖަލްސާ ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިންވަނަ ދައުރު ނިމިދިޔައިރު މުޅިއެކު 33 ޖަލްސާއަކާއި، 395 ކޮމިޓީ ބައްދަލުވުން ބާއްވައި، މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމުގައެވެ. އަދި ނިމިގެން ދިޔަ ދައުރުގައި މަޖިލީހުގެ މަސައްކަތްތަކުގައި މެމްބަރުން ކޮންމެ ދުވަހަކުވެސް 8 ގަޑިއިރު ހޭދަކުރައްވާފައިވާކަންވެސް މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައި ވެއެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިންމަވާލެއްވުމަށްފަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު، ތިން ވަނަ ދައުރުގެ ތެރޭގައި މުހިއްމު އެތައް ނިންމުންތަކެއް މެމްބަރުން ނިންމަވާފައި ވެއެވެ. މިގޮތުން ކުރެވުނު އެންމެ މުހިންމު ކަންކަމުގެ ތެރޭގައި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، އިންކަމް ޓެކްސްގެ ބިލާއި، ފަނޑިޔާރުން ވަކިކުރުމާއި ފަނޑިޔާރުންނަށް ރުހުންދިނުމުގެ މަސައްކަތްތައް ހިމެނެއެވެ.