ދެކުނު އެފްރިކާއާއި އައްޑުއާ ދެމެދު، ސައުތު އެފްރިކަން އެއާވޭޒް އިން ކުރާ ސީދާ ޗާޓަރު ދަތުރުތަކުގެ ތިންވަނަ ބުރު ފަށައިފިއެވެ.

ތިންވަނަ ބުރުގެ ފުރަތަމަ ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އާދީއްތަދުވަހު ވަނީ ޖައްސާފައެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ކުރާނެއެވެ.

މި ދަތުރުތަކަކީ ސައުތު އެފްރިކަން އެއާވޭޒް އާއި ދެކުނު އެފްރިކާގެ އެއާ ޓުއާ އޮޕަރޭޓާޒް (އޭޓީއޯ) ގުޅިގެން ކުރިއަށް ގެންދާ ޗާޓަރު ދަތުރުތަކެކެވެ. އެންމެ ފުރަތަމަ މި ދަތުރުތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ މައި ސީޒަނާއި ދިމާކޮށެވެ. އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހާއި އޮކްޓޯބަރު މަހާ ދެމެދު ވެސް 24 ޗާޓަރު ދަތުރު ގަމަށް ވަނީ ކޮށްފައެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ340 މަރުކާގެ، 300 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ގަން އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި ބޭރުގެ އެއާލައިނަކީ ސްރީލަންކަން އެއާލައިންސެވެ. އެ އެއާލައިނުން ދަތުރުތައް ފެށިތާ ތިން އަހަރު ވެއްޖެއެވެ.

އައްޑޫގައި މިވަގުތު ހިންގަނީ، ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި، ހެރެތެރޭގައި ހިންގާ ކެނަރީފް މޯލްޑިވްސް އާއި، ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ އިތުރުން، ސައުތު ޕާމް ރިސޯޓެވެ.