ޔުނައިޓެޑް ނޭޝަންސްގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ސްޕެއިންއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 02 އިން 13 އަށް މެޑްރިޑްގައި ކުރިއަށްދާ މި ކޮންފަރެންސްގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެއެވެ.

އެގޮތުން ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ކުޑަ، ޖަޒީރާ ޤައުމަކަށް ވުމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ހުރި ކަމާއި އޭގެ މުހިއްމުކަން ހާމަކޮށް ޖައްވަށް ބޭރުވާ ވިހަގޭސް ބޭރުންކުރުން މަދުކުރުމަށް ބޭރު ޤައުމުތަކުން އެއްބާރުލުން ހޯދުމަށް ގޮވާލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ މޫސުމާއިބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ޤައުމަކުން ޖުމްލަ 25،000 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.