ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން އާންމުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން އާންމުވުމުންކަން ފާހަގަކުރެއްވިއެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވުމަކީ ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާއީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހެއްގެ މާލީ ހާލަތު އާންމުކޮށް އެނގުމާއެކު، އެ މަގާމުގައި ހުރެގެން ނުހައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ގާއިމުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީގޮތުން ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ގާނޫނުލް އުގޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުވެ އޮތުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ތަސްދީގުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ގާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ދައުލަތުގެ މުއައްސަސާއަކުން ޚިދުމަތެއް ހޯދުމަށް ނުވަތަ ޚިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެ ނަމަ، އެކަމެއްވެސް ހާމަކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް އާންމު ނުވާނެ ގޮތަކަށް، ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރަށް ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކުމެ، އަމިއްލަ ނަފުސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.