ނޭޕާލްގައި ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ނޭޕާލް އަތުން ރާއްޖެ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

ނޭޕާލްގެ ޓީޔޫ ކްރިކެޓް ދަނޑުގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާ މެޗުން ނޭޕާލް މޮޅުވީ ބާކީ 23 ބޯޅަ އޮއްވާ 5 ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ ގަސްތުކުރީ ކުޅެން އެރުމަށެވެ.

ރާއްޖެ ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 94 ލަނޑެވެ. މިއީ މި ލީގުގައި ރާއްޖޭގެ އެންމެ ދަށްކޮށް ދިޔަ އިނިންގްސްއެވެ. މި އިނިންގްސްގައި ރާއްޖޭގެ ބެޓްސްމަނުންގެ ތެރެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ލަނޑު ހެދި ލީމް ޝަފީގް އާއި ފުރަތަމަ ބެޓްސްމަނުގެ ގޮތުގައި އެރި މުހައްމަދު ރިޝްވާން އެވެ. އޭނާ ވަނީ 17 ލަނޑު ހަދާފައެވެ.

ލީގު ބުރުގައި ނޭޕާލާއި ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 79 ލަނޑުންނެވެ. އެ މެޗާއި ހިލާފަށް މި މެޗުގައި ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ބެޓްސްމަނުންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ޖަވާބުގައި ނޭޕާލުން ކުޅެންއަރާ 16.1 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ވަނީ 98 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އާރިފް ޝެއިހް އާއި 22 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މައްލާ އެވެ. މި އިނިންގްސްގައި ރާއްޖޭގެ ސްޕިނަރ އާދަމް ނާސިފްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އޭނާ ވަނީ މި އިނިންގްސްގައި ނޭޕާލްގެ ތިން ކުޅުންތެރިން ނުބައިކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އަބީދު/ އެމްއޯސީ

މިއީ މި މުބާރާތުގައި އޯލް އައުޓް ވެގެން ރާއްޖެ މެޗު ނިންމާލަން ޖެހުނު ދެވަނަ މެޗެވެ، މެޗު އެއްކޮށް ނުނިމެނީސް ރާއްޖޭގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ނިމުނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުންނެވެ. އެ މެޗުން ރާއްޖޭގެ ހުރިހާ ކުޅުންތެރިން ނުބައިވީ 19.1 އޯވަރުގެ ތެރޭގައެވެ.

ނޭޕާލަކީ ދުނިޔޭގެ ކްރިކެޓް ރޭންކިންގެ 17 ވަނައިގައި އޮތް ޤައުމެވެ. ރާއްޖެއިން ވަނީ މި މުބާރާތުގައި ނޭޕާލުގެ އިތުރުން ދުނިޔޭގެ ކްރިކެޓުގެ ގަދަ ބާރުތައް ކަމަށްވާ ބަންގްލަދޭޝް އާއި ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އާދަމް ނާސިފް ބުނީ ރޭންކިންގައި ރާއްޖެއަށްވުރެ ރަނގަޅު ޓީމުތަކާއި ދެކޮޅަށް ކުޅެން ލިބުނު މި ފުރުސަތަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ޖުމްލަކޮށް ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އަބީދު/ އެމްއޯސީ

ޓީމުގެ ކެޕްޓަން މުހައްމަދު މަހްފޫޒު ބުނީ ޕިޗުގެ ސަބަބުން ފުރަތަމަ އިނިންގްސްގައި ރާއްޖެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނޭޕާލުން މި މެޗުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ޓާގެޓަކަށްވީ ރާއްޖެއަކީ ކިހާވަރެއްގެ ޓީމެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުން ކަމަށާއި ފުރަތަމަ ދެ މެޗާއެކު ގިނަބަޔަކަށް ރާއްޖެ އެނގިގެން ހިނގައްޖެ ކަމަށްވެސް ކެޕްޓަން ބުންޏެވެ. އެގޮތުން ރާއްޖެއަކީ ފަސޭހައިން ބަލިކުރެވޭނެ ބައެއް ނޫން ކަމަށާއި މުސްތަގްބަލް އޮތް ވަރުގަދަ ޓީމެއްކަމަށް އެކި ފަރާތްތަކުން މިހާރުވެސް ވާހަކަދައްކަމުން އަންނަކަމަށް ކެޕްޓަން ބުންޏެވެ.

ލީގު އުސޫލުން ކުރިޔަށްދިޔަ ފިރިހެނުންގެ ކްރިކެޓް މުބާރާތުގައި ރާއްޖެއާއެކު ވާދަކޮށްފައިވަނީ ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމާއި ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމުގެ އިތުރުން ނޭޕާލާއި ބޫޓާން އެވެ. މި ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަންގްލަދޭޝް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސްރީލަންކާ ބަލިކޮށްގެންނެވެ.