ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ސެމީފައިނަލުގައި ނޭޕާލް އަތުން ބަލިވެ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބޫޓާނާއި ބައްދަލުކުރަން ޖެހިއްޖެއެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެ ނޭޕާލް އަތުން ބަލިވީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.
މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން ފަހު މެޗުގައި ސްރީލަންކާ ބަލިކޮށްގެންނެވެ. އަދި މިއީ ސައުތް އޭޝިއަން ގޭމްސް ތާރީހުގައި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިފަހަރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ދަނީ ތައުރީފު ހައްގު ކުޅުމެއް ފެންނަމުންނެވެ.
ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރި ސެމީފައިނަލުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ކުއާޓާގައި ނޭޕާލަށް ލީޑް ލިބުނީ އެންމެ 5 ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 19 ޕޮއިންޓް 14 ޕޮއިންޓުންނެވެ.
ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ނޭޕާލްއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ނޭޕާލްއިން ގާތް ގާތުގައި ގިނަ ޕޮއިންޓުތަކެއް ހޯދުމުން ރާއްޖެއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެގޮތުން މެޗުގެ ދެވަނަ ކުއާޓަރ ނޭޕާލް ނިންމާލީ 35 ޕޮއިންޓް 27 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި ރާއްޖޭގެ ކުޅުން ފެނުނީ ފުރަތަމަ ދެ ކުއާޓާއަށް ވުރެއް ދަށްކޮށެވެ. އެގޮތުން 8 ޕޮއިންޓްގެ ލީޑެއްގައި ދެވަނަ ކުއާޓާ ނިންމާލި ނަމަވެސް ތިންވަނަ ކުއާޓާގައި ނޭޕާލްއިން ވަނީ 17 ޕޮއިންޓަށް ލީޑް ފުޅާކޮށްފައެވެ.
މެޗު ހަތަރުވަނަ ކުއާޓަރގެ ފަހު ފަސް މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމާއި ގާތަށް ޖެހިލާފައެވެ. ނަމަވެސް އެވަގުތު ޕްރެޝަރުގައި ކުޅެމުން ދިޔަ ނޭޕާލްއިން ވަނީ ގާތްގާތުގައި މުހިއްމު ޕޮއިންޓްތަކެއް ހޯދާ ފައިނަލުން ޖާގަ ޔަގީންކޮށްފައެވެ. މި މެޗު ނޭޕާލުން ކާމިޔާބުކުރީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.
މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ މި މެޗުގައި 22 ޕޮއިންޓް ރާއްޖެއަށް ހޯދައިދީފައެވެ. ނޭޕާލްއިން އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ އެޓީމަށް 15 ޕޮއިންޓް ހޯދައިދިން ގުރުންގް އެލީނާއެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ މާދަމާ ހެނދުނު ނިކުންނާނީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވި ބޫޓާންއާއި ދެކޮޅަށެވެ.