ޖުމްހޫރީ ޕާޓީގައި އަންހެނުންގެ ހަރަކާތް އިތުރުކުރުމަށް "ރަތްފިޔަ" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ރަތްފިޔަ އިފްތިތާހު ކޮށްފައިވަނީ މިކަމަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒްގައި ބެއްވި ހާއްސަ ޖަލްސާގައެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިސވިލް އޭވިއޭޝަން އަދި ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާއެވެ. މިނިސްޓަރ ނަހުލާ ވަނީ ރަތްފިޔައިގެ ލޯގޯވެސް އިފްތިތާހު ކޮށްދެއްވާފައެވެ.

ރަތްފިޔަ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަތްފިޔައިގެ ރައީސް ފަޒީނާ ރަޝީދު ވިދާޅުވީ، މިރޭ އިފްތިތާހުކުރެވުނު ރަތްފިޔައަކީ ޖުމްހޫރީ ޕާޓީގެ ސްޓްރެޖެޓިކް އެންޑް ޕްލޭނިން ކޮމިޓީގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ އަންހެނުންގެ ހަރަކާތެއް ކަމުގައެވެ. އެހެންކަމުން ރަތްފިޔަ ވެގެންދާނީ އަންހެނުންނަށް ދިމާވެފައިވާ ކަންކަމުގައި އެކި ގޮތްގޮތުން އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ހަރަކާތަކަށް ކަމުގައެވެ.

އެގޮތުން އިޖުތިމާއީ ގޮތުން، ދީނީގޮތުން، ތައުލީމީ ގޮތުންނާއި، ސިއްހީގޮތުން، އަދި އިގްތިސާދީގޮތުންނާއި، ސިޔާސީގޮތުން މިފަރާތްތަކަށް އެހީތެރިކަން ފޮރުކޮށްދެވިގެންދާނެ ކަމަށް ފަޒީނާ ވިދާޅުވިއެވެ.

ރަތްފިޔައިގެ ރައީސާ ފަޒީނާ ރަޝީދު

މި ރޮނގުތަކުން އަންހެނުން ހެލުންތެރިކުރުވުމަށްޓަކައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގައި ވިދާޅުވިއެވެ.

ޕާޓީތަކުން އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި އިންތިހާބު ކައިރިވީމަ ފާހަގަަކުރައްވައި ފަޒީނާ ވިދާޅުވީ، ޖުމްހޫރި ޕާޓީން އަމަލުކުރަނީ އެފަދައިން ނޫން ކަމުގައި ކަމަށެވެ. އަދި އަންހެނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަންހެނުންނާއެކު ޖުމްހޫރީ ޕާޓީގެ ރަތްފިޔަ އޮންނާނެ ކަމަށް ފަޒީނާ ވިދާޅުވިއެވެ.

"ދޮންދޫނި މޫސުމަށް ދޮންދޫނި ހިފަން އުޅޭގޮތް އަޅުގަނޑަށް ސިފަވަނީ އިނގޭތޯ. މޫސުން ނިމުމުން ދޮންދޫނި ހިފުންވެސް ނިމުނީ. ހަމަހިލާ ދެން އެހެންނަކުން ނުވާނެ އިނގޭތޯ. ޖުމްހޫރީ ޕާޓީ އޮންނާނެ. ޖުމްހޫރީ ޕާތީގެ ރަތްފިޔަ އަންހެނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަތާ އަތް ގުޅާލައިގެން އަންހެނުންގެ ދިފާއުގައި ތެދުވާނަން. މިއީ ރަތްފިޔައިގެ މިޝަން އިނގޭތޯ."
ރަތްފިޔައިގެ ރައީސް ފަޒީނާ

މީގެ އިތުރުން ރަތްފިޔައިގެ އުންމީދަކީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިޔަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނައުން ކަމުގައި ރައީސް ފަޒީނާ ވިދާޅުވިއެވެ. އަދި ރާއްޖެގެ ހުރިހާ ރަށެއްގައި ރަތްފިޔައިގެ ގޮފިތައް ގާއިމްކުރުމަކީވެސް ރަތްފިޔައިގެ އަމާޒެއްކަން ފަޒީނާ ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން މިއަޒުމުގައި އެއް ޓީމެއްގެ ގޮތުގައި ދިމާވާ ގޮންޖެހުންތައް ހުރަސްކޮށް ކެރިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފަޒީނާ ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރަތްފިޔައިގެ އެކްސްކޯ މެމްބަރުންނާ ގުޅޭ މައުލޫމާތު އެކުލެވޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައިވެއެވެ. އެގޮތުން ރަތްފިޔައިގެ އެކްސްކޯ މެމްބަރުންގެ ގޮތުގައި ޑރ. އާމާލް އަލީ، އިރުތިޝާމް އާދަމް، މިރުފަތު އިސްމާއިލް ޝަފީގް، ފަޒީނާ ރަޝީދު، ފާތިމަތު އަޒްހީމާ، އައިޝަތު އާމާލް، ފާތިމަތު ޝިފާޒް ޝަހީމް، އައްބާސަތު އައްބާސް، އައިމިނަތު އިބްރާހިމް، ހަމިއްޔާ އަލީ، ފަރުޒާނާ ސައީދު، ހަދީޖާ އަހުމަދު، އައިޝަތު ހިލްމާ، ރަޒާލާ ޝަރީފް، އާމިނަތު އާދަމް، ނޫރަތު ރަޝީދު، ޝިރުމީން ޝަމީމް، ސުނީތާ މުހައްމަދު، އައިމިނަތު މާޝާ ހަސަން، އައިޝަތު ހުއްރިއްޔާ، އައިޝަތު ފަޒްލީން، ފާތިމަތު ހަފްސާ، އައިޝަަތު އިނާޔާ، އައިމިނަތު މަދީހާ، ޔަޝްފާ އަބްދުލްގަނީ، ނާޒްނީން ހަމީދު، ޒީނިޔާ މުހައްމަދު، ޝާދިޔާ ތައުފީގު އަދި ފާތިމަތު ރަޝީދާ ހިމެނެއެވެ.

ރަތްފިޔައިގެ އެކްސްކޯ މެމްބަރުން އިއުލާނުކުރުމުގެ އިތުރުން މިރަސްމިއްޔާތުގައި ރަތްފިޔައިގެ ހަރަކާތްތަކުގައި ބޭނުންކުރަން ނިންމާފައިވާ ޓީޝާޓުތައްވެސް ދައްކާލާފައިވެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރަތްފިޔައިގެ އެކްސްކޯ ބައެއް މެމްބަރުންގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްވެސް ވާހަކަ ދައްކަވާފައިވެއެވެ.

މި ހަފްލާގައި ރަތްފިޔައިގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ލީޑަރަށް ރަމްޒީ ފިލައެއްވެސް އަރުވާފައިވެއެވެ. ރަތްފިޔައިގެ ފަރާތުން މި ފިލާ އަރުއްވާފައިވަނީ ރަތްފިޔައިގެ ރައީސް އަދި ނައިބު ރައީސެވެ.

މިގެ އިތުރުން މިނިސްޓަރ ނަހުލާއަށްވެސް ރަތްފިޔައިގެ ފަރާތުން ރަމްޒީ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ރަތްފިޔައާ ގުޅޭގޮތުން މިނިސްޓަރ ނަހުލާ ވާހަކަފުޅު ދައްކަވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ހަފްލާ ނިންމާލުމުގެ ގޮތުން ހަފްލާއަށް ހާއްސަކޮށް ކޭކެއް ފާޅާފައިވެއެވެ. އެއަށްފަހު ރަތްފިޔައިގެ އެކްސްކޯ މެމްބަރުންނާއެކު މިނިސްޓަރ ނަހުލާ އަދި ޖުމްހޫރީ ޕާޓީގެ ލިޑަރު ފޮޓޯ ނަންގަވާފައިވެއެވެ.