ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ތިންވަނަ ހޮވާ މެޗުގައި ބޫޓާން ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ތާރީހީ ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގެ ހަޔާތުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެެވެ. ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ މިފަހަރުގެ ގޭމްސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 83-46 އިންނެވެ.

ނޭޕާލްގެ ތްރިޕުރެޝަވަރ ހޯލުގައި ކުރިޔަށްދިޔަ މެޗުގެ ފުރަތަމަ ކުއާޓަރ ރަނގަޅަށް ފެށީ ބޫޓާނުންނެވެ. އެގޮތުން އެ ޓީމުގެ ކުޅުންތެރިންގެ ސްޕީޑުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާ ދިވެހި ކުޅުންތެރިން ކައިރިން ފަސޭހައިން ދެމިގަނެގެން ވަނީ ގިނަ ޕޮއިންޓުތަކެއް ހޯދާފައެވެ. ނަމަވެސް ފުރަތަމަ ކުއާޓާގެ 11 ޕޮއިންޓާއި ހަަމައިން ރާއްޖެއިން ވަނީ ލީޑު ނަގާފައެވެ. މި ކުއާޓަރ ނިމުނީ 21-14 އިންނެވެ.

ދެވަނަ ކުއާޓަރ ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ އާއި ޝިއުރާގެ މޮޅު ކުޅުމާއެކު ރާއްޖެއިން ދެވަނަ ކުއާޓަރ ނިމުނުއިރު ކުރީގައި އޮތީ 49-27 ޕޮއިންޓުންނެވެ. މި ކުއާޓަރގައި ބޫޓާނަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ހާއްސަކޮށް ގިނަ ބޯޅަތަކެއް އެ ޓީމު އަތުން ވަނީ ގެއްލި ރާއްޖެއަށް ލިބިފައެވެ.

މެޗުގެ ތިންވަނަ ކުއާޓަރ ނިމުނުއިރުވެސް ރާއްޖެއިން އޮތީ ބޮޑު ލީޑެއްގައެވެ. މި ކުއާޓަރގެ ވަކި ހިސާބަކުން ރާއްޖޭގެ ސީނިއާ ބައެއް ކުޅުންތެރިންގެ ބަދަލުގައި ބެންޗުގައި ތިބި ކުޅުންތެރިންގެ ބޭނުނުް ހިފިއެވެ. މި ކުއާޓަރ ނިމުުނުއިރު ރާއްޖެ އޮތީ 69-33 ޕޮއިންޓުންނެވެ.

ފަހު ކުއާޓަރގައި ދިވެހި ޓީމުން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޮޑު ލީޑެއްގައި އޮތް ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރުކުރި ތަނެވެ. މި ކުއާޓަރގެ ކުރީކޮޅު ހާއްސަކޮށް ފެނިގެންދިޔައީ ޝިއުރާގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުޅުނުތަނެވެ. އެގޮތުން ކުއާޓާރ ފެށިއިރު ޝިއުރާ އާއި ޒައިނާ ފިޔަވާ ފުރަތަމަ ޓީމުގެ ގިނަ ކުޅުންތެރިން ފެނުނީ ބެންޗުންނެވެ.ނަމަވެސް މި ކުއާޓަރގެ ވަކި ހިސާބަކުން ފުރަތަމަ ޓީމުގެ ކުޅުންތެރިން ވަނީ ކުޅެން އަރާފައެވެ. އަދި ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ފުރުސަތުދިނެވެ.

ރާއްޖެއިން އަންހެން ބާސްކެޓްބޯޅައިގެ މެޑަލްއެއް މި ހޯދީ ލަންކާގެ ކޯޗު ސުޕުން ވިމާލްގެ މޭސްތިރިކަމުގެ ދަށުންނެވެ.