މިމަހު ހަތަރެއް ވީ އަންގާރަ ދުވަހު އދ.މާމިގިލި، ގާސިމް ހަސަން ވަރަށް ރަހުމްކުޑަ ހަމަލާތަކެއްގައި މަރާލުމަކީ ދިވެހި ރައްޔިތުންނަށް ސިހުން ގެނުވި ހިތާމަވެރި ހަބަރެކެވެ. ހުޅުމާލޭގައި މީހުން ނޫޅޭ ފަޅު ހިސާބަކަށް ގެންގޮސް ގާސިމް މަރާލުމާއެކު، އެ މަރާ ގުޅިގެން ތަފާތު އެކި ވާހަކަތައް ފެތުރެން ފެށިއެވެ. މިއީ މިވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.

ވޭތިވެދިޔަ ހަތްއަހަރު ދުވަހުގެ ތެރޭގައި 32 މީހެއް މަރާލާފައިވީނަމަވެސް، މަރުގެ މިފަދަ ހާދިސާއެއް ނުހިނގާތާ ގިނަ ދުވަސްތަކެއް ވެގެންދިއުމަކީ މުޖްތަމައަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުކެވެ. ނަމަވެސް އެ ހަމަޖެހުން ގެއްލި ގާސިމްގެ މަރާއެކު މުޖްތަމައުގައި ބިރުވެރިކަން ވަނީ އުފެދިފައެވެ.

މިއީ ވަރަށް ބޮޑަށް ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތަށް ދެކޭ ސަބަބުތައް ގިނައެވެ. އެއްކަމަކީ ގާސިމްގެ ހަށިގަނޑު ފެނުނީ މީހުން އާންމުކޮށް ގޮސް ނޫޅޭ ފަޅު ހިސާބަކުން ކަމަށްވުމެވެ. އަނެއް ކަމަކީ އޭނާ މާލެއިން ހުޅުމާލެއަށް ދަތުރެއް ކުރުމުގެ ނަމުގައި ގެންދިއުމެވެ. މިހެންގޮސް އެތައް ވާހަކައެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި އޭނާގެ ޓެކްސީއާ ސައިކަލާ އެކްސިޑެންޓްވީ ކަމަށް ބުނެއެވެ. އެ ސައިކަލުގައި ތިބި ޒުވާނުން ގާސިމަށް އިންޒާރު ދިން ކަމަށްވެސް ވާހަކަ ދެކެވެއެވެ. ބޭފުޅަކު އަތުން ފައިސާތަކެއް ނަގާ ގާސިމް މަކަރު ހަދައިގެން އުޅޭތީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެބަޔަކު އިންޒާރުދިން ކަމަށްވެސް އަޑު ފެތުރިއެވެ.

މިއީ ހުސް ވާހަކަތަކެވެ. ގާސިމްގެ މަރާ ގުޅިގެން އެރުވި އަޑުތަކެކެވެ. މިހުރިހާ ކަމަކަށްފަހު ދެން ދެކެވެންފެށީ މާ ހެއްވާ ވާހަކައެކެވެ. އެއީ ހުޅުމާލޭގައި ސީސީޓީވީ ކެމެރާއާއި މަގުބައްތިތައް މަދު ވާހަކައެވެ. އެރަށުގެ އަނދިރި ކަމުގެ ވާހަކައެވެ. އެއީވެސް ރަނގަޅު ކުރަންޖެހޭ ކަންކަމެވެ. އެކަން ކުރެވިއްޖެނަމަ ކުށްކުރުން މަދުކުރެވި، ކުށްކުރާ މީހުން ހޯދަންވެސް ފަސޭހަވާނެއެވެ. ނަމަވެސް ރަހުމްކުޑަ މިފަދަ ކޮންމެ މަރަކަށްފަހު ރަށުތެރޭގައި ހުންނަ ސީސީޓީވީ ކެމެރާއާއި މަގުބައްތިތަކުގެ ވާހަކަ ފަލަ ސުރުހީއަށް ގެނައުމުން ކަމަކުނުދެއެވެ. އެ ވާހަކަތަކުގެ އަޑުގަދަވެގެން ކުށްކުރުން އިތުރުވަނީ ސީސީޓީވީ ކެމެރާއާއި މަގުބައްތިތައް މަދުކަމުން ކަމަށް ހީވާ ފަހަރުވެސް އާދެއެވެ. ރަހުމްކުޑަ މިމަރުގެވެސް ހަގީގީ ގާތިލަކީ އެއީ ކަމަށް ބައެއް މީހުންނަށް ހީވާ ކަހަލައެވެ.

އިންސާނުންގެ ވިސްނުމަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. އެކި މީހުންގެ ނަޒަރިއްޔާތު އެކި ކަންކަމުގައި ތަފާތެވެ. ބައެއް މީހުންނަކީ މީހަކު ހަމަ ދައްކާހާ ވާހަކައެއް ގަބޫލުކުރާ މީހުންނެވެ. އެމީހުންގެ ސިކުނޑީގެ ތަރާދުން އެއިންކަމެއް ކިރާލާ ވަޒަންކޮށްލުމެއް ނޯވެއެވެ. މިއީ ހަގީގީ އިންސާފުންގެ ހުންނަންވީ ސިފައެއް ނޫނެވެ. މިއަށްވުރެ ކޮންމެ މީހަކުވެސް ތަހުޒީބު ވާންޖެހެއެވެ. މިއާހިލާފަށް ބައެއް މީހުންނަކީ ކަމެއް ހިނގާދިއުމުން އެކަންކަމުގެ ފުނަށް ވާސިލްވެވޭތޯ މަސައްކަތްކުރާ މީހުންނެވެ. ކަމެއް ހިނގުމުން އެއީ ކޮން ސަބަބަކާއި ގުޅިގެން ހިނގާދިޔަ ކަމެއްތޯ އެމީހުން ވިސްނައެވެ. އަދި އޭގެ ފުނަށް ވާސިލްވެވެންދެން ގޮތެއް ކަނޑަނާޅާ ތިބެއެވެ. އަޑެއް އިވުމާއެކު ސީސީޓީވީއާއި މަގުބައްތިތައް ކުށްވެރިކޮށް އެމީހުން ނިންމައެއް ނުލައެވެ. އެމީހުން ބަލަނީ މުޖްތަމައުގައި ބިރުވެރިކަން އުފެދޭކަހަލަ އަމަލުތައް މީހުންގެ ފުށުން އާންމުވެގެން ދަނީ ކޮންސަބަބަކާ ހުރެތޯއެވެ.

ކުރިން ދެންނެވުނު ވާހަކައަށް ބާރުލިބޭ އެތައް ކަމެއް މިގައުމުގައި ހިނގާފައިވެއެވެ. ދެތިން މިސާލެއް ދެންތޯއެވެ. މިދިޔަ މާޗުމަހުގެ 10 ވަނަ ދުވަހު އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ބީއެމްއެޗް ޓްރޭޑާރޒްގެ 2.3 މިލިޔަންރުފިޔާގެ މައްސަލައާއި މޭމަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި ދެ ސައިކަލެއްގައި އައި ހަތަރު މީހަކު 150.000 ރުފިޔާ ފޭރިގެން މައްސަލާގައި އެފަހަރު އެއް ބަޔަކަށް ގޯސްވީ އެމީހުންގެ ބޮލުގައި އޮތް ހެލްމެޓެވެ. ބުނެއެވެ. ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅުންމަނާ ކޮށްފިނަމަ މިކަހަލަ ކަންކަން ނުހިނގާނެއެވެ. އަދިވެސް މަގުމަތީގައި ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރު ކުރާށެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެއްގެ ނަމަވެސް ވިސްނުމެވެ. އަދި ނިމުނީއެއް ނޫނެވެ. މިއަށްވުރެ މާ އެހެންކަހަލަ ކަންކަންވެސް މިރާއްޖޭގައި ހިނގާގޮސް މާޒީގެ ސަފްހާތަކުގައި އެވަނީ ލިޔެވިފައެވެ. ރާއްޖޭގައި ހިނގާފަ ހުރި ބައެއް މަރުތަކުގައި އެމީހަކު ލައިގެންހުރި ގަމީސް ކުށްވެރިވެފައި އެބަހުއްޓެވެ. އިސްތަށިގަނޑު ނުވަތަ ދުއްވަމުންދިޔަ ސައިކަލް ގޯސްވެފައި އެބަހުއްޓެވެ. އެއީ ހައްތަހާވެސް އެފަދަ ރަހުމްކުޑަ އަމަލުތައް ހިނގަން މެދުވެރިވީ ސަބަބުތައް ކަމުގައި ބުނެފައިވެއެވެ. އެފަދަ ވާހަކަތައް ގައުމުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ދެއްކެވި އަޑު އެއްސެވީމު ނޫންތޯއެވެ. ދެން އާންމުންގެ ހާލަތު ހުންނާނީ ކިހިނެތް ހެއްޔެވެ.

ނަމަވެސް ވިސްނާލުން ކީއްތޯއެވެ. މުޖްތަމައުއަށް މިވަނީ ކީއްހެއްޔެވެ. ކުށްކުރުމަށް ހުއްޓުމެއް ނެތީ ކީއްވެ ހެއްޔެވެ. ރަހުމްކުޑަ އަނިޔާވެރި އަމަލުތައް އިންތިހާއަށް ގިނަވަނީ ކީއްވެ ހެއްޔެވެ. ހަގީގަތަކީ މުޖުތަމައުގައި ކުށްކުރުން ތަކުރާރުރާރުވެ އާންމު އަދި ބޮޑެތި ކުށްތައް ގިނަ ވެގެންދާ ހަގީގީ ސަބަބަކީ އެކުށައް ލިބެންޖެހޭ ހައްގު އަދަބު ނުލިބުމެވެ. ކުރެވޭ ހުކުމް ތަންފީޒު ނުކުރުމެވެ.

އެންމެ ފަހުން ދިވެހިރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒު ކޮއްފައިވަނީ މީގެ 66 އަހަރު ކުރިންނެވެ. އެއީ އޭރުގެ ދައުލަތް ހިންގުމުގައި އިސްކޮށް ހުންނެވި އެންމެ އިސްވެރިޔާއަށް ސިހުރު ހަދާ އަވަހާރަ ކޮއްލަން އުޅުނުކަމުގެ ކުއް ސާބިތުވެގެންނެވެ. ނިލަންދޫ ޙަކީމްދީދީގެ ގަޔަށް ބަޑިޖަހައި މަރާލިއެވެ. ނަމަވެސް އޭގެ ފަހުންވެސް ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެއެވެ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒު ކުރަންޖެހިފައިވާ ބަޔަކު ޖަލުތަކުގައި މިހާރުވެސް އެބަ ތިއްބެވެ. ނަމަވެސް ހުކުމް އޮތްތާ އޮތީއެވެ. މަރުގެ ހުކުމާ ހަމައިން ކޮންމެ ފަހަރަކުވެސް ނިމެނީއެވެ. ކޮންމެވެސް ސަބަބެއް އެކަމަށް މެދުވެރި ކުރެއެވެ. ބައެއް ފަހަރު ގާތިލުން ދޫވަނީ ތަހުގީގު މަރުހަލާއިންނެވެ. ތަހުގީގު މަރުހަލާއިން ސަލާމަތް ނުވެއްޖެނަމަ ޝަރީއަތުގެ މަރުހަލާއިންނެވެ. ކުރިން ހޯދި ހެކި ގެއްލޭ ފަހަރު އާދެއެވެ. ހޯދި ހެކި ސާބިތުކޮށް ނުދެވޭ ފަހަރުވެސް މަދެއް ނޫނެވެ. މިހުރިހާ ކަމެއް ގިރާކޮށް ޝަރީއަތުން މަރުގެ ހުކުމެއް ކޮއްފިނަމަ އެހުކުމެއް ތަންފީޒު ކުރެވޭނެ ގޮތެއްނެތެވެ. ވައްކަމެއް ނުވަތަ ފޭރުމެއްގެ ކުއް ސާބިތު ވެއްޖެނަމަ ހުކުމް ލުއިކޮށް ނުވަތަ ގާނޫނުން ހުސް ބާގަނޑެއް ހޯދައި މުޖުތަމައަށް އަލުން ނުކުމެވުމަކީ ކުށްތައް ތަކުރާރުވެ އާންމުވާ އަސްލު ސަބަބު ކަމަށް ގިނަބަޔަކު ދެކެއެވެ.

ގައުމުގެ މަސްލަހަތު ރައްކާތެރިކޮށް، އަމާންވެއްޓެއް ރައްޔިތުންނަށް ގާއިމު ކޮއްދިނުމަށް ގާނޫނުއަސާސީއިން މަތިކޮއްފައިވާ ފުލުހުންގެ އިދާރާއަށް ހުށައެޅޭ މިފަދަ މައްސަލަތަށް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ފާއިތުވި ފަސްއަހަރު އެކަނިވެސް 22 މީހުންގެ ވަނީ ރަހުމްކުޑަ ހަމަލާތަކުގައި މަރާލާފައެވެ. އެކި އުމުރުގެ އެކި މީހުންނެވެ. ތަފާތު މައްސަލަތަކުގައި ތަފާތު ގޮތްގޮތަށެވެ. މި ކުޑަކުޑަ ރާއްޖެއަށް ބަލާލާއިރު އެއީ ނިސްބަތުން ކިހާ ބޮޑު އަދަދެއް ހެއްޔެވެ. ގާސިމްގެ މަރުގެ ފަހަތުގައިވަނީ ހުޅުމާލޭގެ އަނދިރިކަމެއް ނޫނެވެ. ސީސީކެމެރާތައްވެސް މަދުވުމެއް ނޫނެވެ. ބިރެއްނެތި ރޯމާދުވާލު މީހުން މަރަނީ ގާތިލުންނަށް އެ މިނިވަންކަން ކޮންމެސް ސިފައެއްގައި އޮތީމައެވެ. މުޅި ގައުމުގައި މަގުބައްތި ހަރުކޮށް، ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށް ރަށުތެރޭގައި ރައްޔިތުން ހެލްމެޓް އެޅުން މަނާކޮށްގެން މާރާމާރީތައް ހުއްޓުވޭނެ ކަމަށް ބަޔަކަށް ހީވާނަމަ އެއީ ކުށްހީއެކެވެ. މޮޔަ ހިޔާލެކެވެ. ހަގީގަތަށް ފުރަގަސްދީ ފާރަށް މޫނުލައިގެން ހުރެ ތިމާއަށް ފެންނަ ވާހަކައެއް ދެއްކިނަމަވެސް މިކަމަކަށް ހައްލެއް ނެތެވެ. ހައްލަކީ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމެވެ. ކުށްތަކަށް ހައްގު އަދަބު ދިނުމެވެ. އޭރުން މުޖްތަމައުގެ ކޮންމެ ނަފްސެއް ރަނގަޅުވީއެވެ. މުޅި މުޖްތަމައު އެކަތިފަހަރުން އަމާންވެ އިސްލާހުވީއެވެ.