ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގައި ހުންނަ އދގެ މިޝަން ކުރިމަތީގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މުޒާހަރާކޮށްފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އދގެ މިޝަން ކުރިމަތީގައި މުޒާހަރާ ކުރި މީހުން ތިބީ ކަޅު ފޮތިގަނޑަކުން ކަނުބަނދެގެންނެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި ސަރުކާރުން ގާނޫނުއަސާސީއަށް ތަބާވުމަށް ގޮވާލާ ޕޯސްޓަރުތައްވެސް ހިފައިގެންނެވެ.

އދގެ މިޝަން ކުރިމަތީގައި މުޒާހަރާ ކޮށްފައިވަނީ މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ހުސްވި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ.

އަދި ޔާމީން މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް އިދިކޮޅު މެމްބަރުން އިހުތިޖާޖްތައް ކުރިއަށް ގެންދެވިއެވެ.

މީގެ އިތުރަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުންތަކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ތަފްސީލެއް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މީޑިއާއާ ހިއްސާއެއް ނުކުރެއެވެ އަދި ރައީސް އޮފީހުންވެސް މިބައްދަލުވުމުގެ ތަފްސީލެއް މީޑިއާއާ ހިއްސާއެއް ނުކުރެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާއި، ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބޭރު ދުނިޔެއަށް ހާމަކުރުމަށް ސްރީލަންކާއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ގުޅިގެން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރީމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.