ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މިހިނގާ ޑިސެމްބަރުމަހުގެ 7 އިން 11 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.

މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓްޕީސް ވަނީ ދައްކާލާފައެވެ. ބައެއް އާރޓްޕީސް ތައްޔާރުކުރުމުގައި ޕްލާސްޓިކް ވެސް ވަނީ ބޭނުންކޮށްފައެވެ.

މި މައުރަޒުގެ ޝިއާރަކީ "ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" އެވެ.

މި ޝިޔާރުގައި ބުނާ ފަންހާމަސް ރަމްޒުކޮށްދެނީ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ދިރުންތަކެވެ. އަދި ޕްލާސްޓިކް ކޮތަޅު ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.